ދުނިޔެ

އަނެއްކާވެސް އިންޑިޔާގައި ޓިކްޓޮކް މަނާކުރަން ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

އިންޑިޔާގެ 15 މިލިއަން މީހުން ބޭނުން ކުރާ އަދި އެ އެޕެއްގެ ސަބަބުން ގިނަބަޔަކަށް ބޮޑު މަޝްހޫރުކަން ލިބި މާލީ ފައިދާތައް ލިބެމުންދާ ޗައިނާގެ އެޕެއްކަމަށްވާ ޓިކްޓޮކް އިންޑިޔާގައި ބޭނުން ކުރުން މަނާކުރަން އެގައުމުގެ ޔޫނިއަން މިނިސްޓަރ ރާމްދާސް އާޓާވާލޭ ގޮވާލައިފިއެވެ. ރާމްދާސް މިގޮތަށް ގޮވާލީ ޗައިނާގެ އުފެއްދުންތައް ބޭނުން ކުރުން ހުއްޓުވާ އޭގެ ސަބަބުން ޗައިނާގެ އިޤްތިޞާދު ދަށަށް ޖެއްސުމުގެ ބޭނުމުގައެވެ. އިންޑިޔާއިން ހާމަ ކުރާގޮތުގައި ޗައިނާގެ ޓިކްޓޮކް އިންޑިޔާގެ ގިނަ ބަޔަކު ބޭނުން ކުރުމުގެ ސަބަބުން ޗައިނާއަށް މިލިއަން ފައިދާ ލިބޭ ކަމަށެވެ.

Ads by Sosun Fihaara

ޓިކްޓޮކް މަނާކުރުމާއި އެކު އިންޑިޔާގެ ހުރިހާ ހިސާބެއްގައި ހިންގާ ޗައިނާގެ ރަހަތަކަށް ޚާއްސަ ރެސްޓޯރެންޓްތައް ބަންދުކުރުމަށްވެސް ރާމްދާސް ވަނީ ގޮވާލާފައެވެ. ރާމްދާސް މިގޮތަށް ގޮވާލާފައި މިވަނީ އިންޑިޔާ ޗައިނާ ބޯޑަރުގައިވާ ލަދާކް ގަލްވާން ވާދީގައި ހިންގި ހަމަލާ ބަދަލު ކުރުން ތަކަކަށް ފަހުން އިންޑިޔާ އަސްކަރިއްޔާގެ 20 މީހަކު މަރުވެފައިވާ ދަނޑިވަޅެއްގައެވެ. މި މީހުންގެ ތެރޭގައި އިންޑިޔާގެ ކާނަލްއަކުވެސް ވަނީ މަރުވެފައެވެ. މިއީ މިދިޔަ ފަސް އަހަރު ތެރޭގައި ހިނގި މިފަދަ އެންމެ ބޮޑު ޙަމަލާ ބަދަލު ކުރުމެވެ.

މީގެ ކުރިންވެސް އެކިފަހަރު މަތިން އެކި ކަންކަމާ ގުޅުވައިގެން އިންޑިޔާގައި ޓިކްޓޮކް ބޭނުން މަނާކުރަންވަނީ މަސައްކަތް ކޮށްފައެވެ. ޓިކްޓޮކް ބޭނުންކުރާ 800 މިލިއަން މީހުން ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅެއެވެ. ސްމާޓް ފޯނުތަކަށް 1.5 ބިލިއަން ފަހަރު ޓިކްޓޮކް ޑައުންލޯޑް ކުރެވިފައިވެއެވެ. އޭގެ ތެރެއިން ތިންބައިކުޅަ އެއްބައި ޑައުންލޯޑް ކުރީ އިންޑިޔާމީހުންނެވެ. މިއީ 2019 ވަނަ އަހަރު އެންމެ ގިނައިން ޑައުންލޯޑް ކުރެވުނު އެޕް ވެސް މެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!