ބްރިޓަންގައި ކޮވިޑް ޖެހިގެން އެންމެ ގިނަ ދުވަސްވީ މީހާ، ބަލިން ރަނގަަަޅުވީ ދަރިންކުރި ފޯނުކޯލަކަށްފަހު!
ކޮވިޑް-19 ޖެހިގެން ބްރިޓަންގައި އެންމެ ގިނަ ދުވަސްވީ، އަދި ޑޮކްޓަރުން ވެސް އުންމީދު ކަނޑާލި ސްޓީވް ވައިޓް (56އ.)، މިބަލިން އެއްކޮށް ރަނގަޅު ވެގެން ގެއަށް ގޮސްފިއެވެ.
ދެ ކުދިންގެ ބައްޕައެއް ކަމުގައިވާ ސްޓީވް، ކޮވިޑް އަށް ފަރުވާ ހޯދުމަށް ހޮސްޕިޓަލުގައި 92 ދުވަސް ހޭދަކޮށްފައިވެއެވެ.
ބްރޮމްޔާޑް އަށް އުފަން ސްޓީވް މިބަލިން ސަލާމަތް ވާނެ ކަމުގެ އޮތީ އެންމެ 1% ޗާންސް ކަމަށް ޑޮކްޓަރުން ވެސް ވަނީ އެއިރު ބުނެފައެވެ.
ނަމަވެސް އެންމެންނަށް ވެސް ސިހުމެއްދީ ސްޓީވް މިވަނީ މިބަލިން އެއްކޮށް ރަނގަޅުވެ މިދިޔަ ބުރާސްފަތި ދުވަހު ހިއާރފޯޑް ކައުންޓީ ހޮސްޕިޓަލުން ގެއަށް ދޫކޮށްލާފައެވެ.
"މިބަލީގައި ހާލު ދެރަވެފައި ތިބި އެންެމެންނަށް އަހަރެން ބުނެލަން ބޭނުންވަނީ، އުންމީދު ކަނޑާނުލުމަށް. އަދި ބަލިން ފަސޭހަވޭތޯ އަބަދުވެސް ހިތްވަރު ކުރުމަށް" ސްޓީވް ބުނެފައިވެއެވެ.
އެއިރު ސްޓީވްގެ ހާލު ދެރަވެގެން ހޮސްޕިޓަލަށް އެންގީ އޭނާގެ ދޮންދަރިފުޅު ލޯނާ ޓައުންސެންޑް (38އ.) އެވެ. ހޮސްޕިޓަލުގައި ސްޓީވް އެޑްމިޓު ކޮށްފައިވަނީ މާރޗް މަހުގެ 19 ވަނަ ދުވަހުގައެވެ.
ދުނިޔޭގައި ހުންނާނެކަމަށް ސްޓީވްގެ އޮތީ މަދު ވަގުތުކޮޅެއް ކަމަށް ޑޮކްޓަރުން ބުނެފައިވަނީ އޭޕްރިލް މަހުގައެވެ. ނަމަވެސް ދެކުދިންގެ ބައްޕައެއް ކަމުގައިވާ ސްޓީވް އެބަލިން ފަސޭހަވާން ފެށީ އޭނަގެ ދަރިން ކުރި ފޯނު ކޯލަކަށް ފަހުގައެވެ.
"އެމީހުން ދުވަހަކުވެސް އަހަރެން ހަނދާން ނައްތައެއް ނުލާ. އަދި އަހަރެން ރަނގަޅު ވާނެ ކަމުގެ އުންމީދު ވެސް ދޫކޮށެއް ނުލާ. އަހަރެން ރަނގަޅުމިވީ އަހަރެންގެ ދަރިންނާއި ޑޮކްޓަރުންގެ ހިތްވަރުގެ ސަބަބުން" ސްޓީވް ބުންޏެވެ.