ކެފޭ، ރެސްޓޯރެންޓުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާކޮށްފި
ކެފޭ، ރެސްޓޯރެންޓް ފަދަ ތަންތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރަން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ނިންމައިފިއެވެ.
އެޗްޕީއޭ އިން މިހެން ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި ޢަމަލުކުރަންވީ ގޮތުގެ އުސޫލުގައެވެ.
އެގޮތުން އެ އުސޫލުގައިވާ ގޮތުން ކޮވިޑް-19 ގެ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކާބޯތަކެތީގެ ވިޔަފާރިކުރާ ތަންތަނުގައި ޝީޝާ އަދި ވޭޕް ފަދަ އީ ސިނގެރޭޓް ވެސް ހިމެނޭގޮތަށް ދުންފަތުގެ އިސްތިޢުމާލު ކުރުން މަނާވާނެ ކަމަށެވެ.
އަދި މަސައްކަތު މާހައުލުގައި ކޯވިޑް-19 ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް މުވައްޒަފުންނަށް ރަނގަޅަށް ބަޔާންކޮށްދީ، މުވައްޒަފުންނަށް ފެންނަ ގޮތަށް ލިޔެފައި ބެހެއްޓުމަށާއި ތަނަށް ޒިޔާރަތް ކުރާފަރާތްތަކާއި ކަސްޓަމަރުން ޢަމަލުކުރަންވީ ގޮތުގެ މަޢުލޫމާތު ފެންނަގޮތަށް ބެހެއްޓުމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.
މީގެއިތުރުން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގައި އާންމު ސާފުތާހިރުކަން ދެމެހެއްޓުމަށްޓަކައި ރަނގަޅަށް އަތްދޮވެވޭނެ އިންތިޒާމު ހަމަޖައްސަންވާނެ ކަމަށާއި އަތްދޮވުމަށް ސައިބޯނި ފަދަ ތަކެތި މެދުނުކެނޑި ލިބެން ހުންނަން ވާނެ ކަމަށްވެސް އެ އުސޫލުގައި ބުނެފައިވެއެވެ.
އަދި ބުފޭ ފަދަ ތަންތަނުގައި ކަސްޓަމަރުން އަމިއްލައަށް އެޅުމުގެ ބަދަލުގައި ސާރވް ކުރުމަށް ވަކި މުވައްޒަފަކު/މުވައްޒަފުން ކަނޑައަޅާފަ ބެހެއްޓުމަށާއި އަދި އޭނާ އަންގި ލައްވާ މާސްކުއަޅައިގެން ހުރުމަށް ވެސް ވަނީ އެ އުސޫލުގައި ބުނެފައިވެއެވެ.
ބޭކަރީގެ އުފެއްދުންތައް ބަންދުކޮށްފައި ނުހުންނަ ޝެލްފެއްގައި ބަހައްޓާއިރު ހުންނަންވަނީ ކްލިންގ ފިލްމް ފަދަ
އެއްޗަކުން ނުވަތަ ފުޑް ގްރޭޑް ރެޕަކުން ބަންދުކޮށްފައި ކަމަށާއި ބޭކަރީ އުފެއްދުން ބަންދު ނުކުރާނަމަ ބަންދުކޮށްފައި
ހުންނަ ބިއްލޫރި ޝެލްފެއްގައި ބެހެއްޓުމަށް ވެސް އުސޫލުގައި ވަނީ ބުނެފައެވެ.
އަދި އެއްވަގުތެއްގައި މަސައްކަތްކުރާ މުވައްޒަފުން މަދުކުރުމަށް ތަނުގައި އެއްވަގުތެއްގައި ކާބޯތަކެތި އުފައްދާ މިންވަރު
މަދުކުރުމަށްވެސް އުސޫލުގައި ބުނެފައިވެއެވެ.