ކޮވިޑް-19: ޗައިނާއިން ޖަނަވަރީ މަހު ރިޕޯޓުކުރި އަދަދަށްވުރެ އެޤައުމުގައި މިބަލި ފެތުރުނު އަދަދު ގިނަ!
ކެލިފޯނިއާ: ޗައިނާގައި ކޮރޯނާ ވައިރަސް ފެތުރުނު އަދަދު މިއަހަރުގެ ޖަނަވަރީ މަހު އެޤައުމުގެ ސަރުކާރުން ހާމަކުރި އަދަދަށްވުރެ 37 ގުނަ އިތުރު ކަމަށް އެމެރިކާގެ "އާރްއޭއެންޑީ" އިން އުފެއްދި ރިޕޯޓުން ދައްކައިފިއެވެ.
ޗައިނާއިން މުޅިދުނިޔެއަށް ފެތުރުނު ކޮރޯނާ ވައިރަސްގެ ސަބަބުން އެކިއެކި ޤައުމުތަކުން ވަނީ އެޤައުމުން ކޮވިޑް އާއޮ ގުޅިގެން ވަރަށް ގިނަ ކަންކަން ސިއްރު ކުރަމުން އަންނަކަމަށް ބުނެ ތުހުމަތު ކޮށްފައެވެ.
އާރްއޭއެންޑީ އިން ވަނީ 2019 ވަނަ އަހަރު ފެތުރެން ފެށި ކޮރޯނާ ވައިރަސްގެ ފަހުން ޗައިނާއަށް ކޮށްފައިވާ އެކިއެކި ކޮމާޝަލް ދަތުރުތައް ތަހުގީގުކޮށް، އެމީހުންގެ ރިޕޯޓުގައި އެކަން ހިމަނާފައެވެ.
އެގޮތުން އެމީހުން ބުނެފައިވަނީ، ޗައިނާގައި މިބަލި ފެތުރުނު އަދަދު ކަމަށް ބުނާ އަދަދަށްވުރެ އެތައްގުނައެއް އިތުރު މީހުންނަށް މިބަލި އެހާ ދުވަހުން ފެށިގެން ޖެހިފައިވާނެ ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ.
"ކޮވިޑް-19 އާއި ގުޅިގެން ޗައިނާއިން ދިން ޑޭޓާ އާއިމެދު ވަރަށް ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފަ. އެހެންކަމުން އަހަރުމެން އެކަން ބެލި ބެލުމުން އެނގުނީ އެޤައުމުގައި ޖަނަވަރީމަހު މިބަލި ފެތުރުނު އަދަދު ގާތްގަނޑަކަށް 40 ގުނަ އިތުރުކަން، އެމީހުން ހުށަހެޅި އަދަދަށްވުރެ" އާރްއޭއެންޑީ އިން ހާމަކޮށްފައިވެއެވެ.