ޝަމީމްގެ ސައިކަލާއި އަނބުގަހުގައި ރޯކޮށްލާ ބޮޑެތި ގެއްލުންތަކެއް ދީފި
ހއ. އަތޮޅު ކައުންސިލު ނައިބު ރައީސް އަލީ ޝަމީމްގެ ސައިކަލަކާއި، އޭނާގެ ބައްޕަގެ ބައިސްކަލެއް އަދި އެގޭގައި އިން އަނބުގަހެއްގެ އެއްފަޅީގައި ބަޔަކު އަލިފާން ރޯކޮށްލައިފިއެވެ.
މިކަމާއި ގުޅޭގޮތުން "ދެން" އަށް މައުލުމާތު ދެއްވަމުން ޝަމީމް ވިދާޅުވީ ރޯކޮށްލާފައިވަނީ އޭނާނެ 125 ސައިކަލެއްގައި ކަމަށާއި، އޭނާގެ ބައްޕަގެ ބައިސްކަލުގެ އިތުރުން އެގޭގައި އިން ގުރާކޮށްޓަކާއި ބޮޑު އާމްދަނީއެއް ލިބޭ އަނބުގަހެއްގެ އެއްފަޅީގައި ކަމަށެވެ.
"އިއްޔަ ރޭގައި ޕީޕީއެމް ޖަލްސާއެއް ނިންމާފަ 11:40 ގެއަށް އައިސް ސައިކަލު ހުންނާނީ ގެއިން ބޭރުގައި ޕާކު ކޮށްފައި. އަޅުގަނޑުމެންގެ ގެއަކީ ވަރަށް ބޮޑެތި އަނބުގަސް ހުންނަ ގެއެއް. އަނބުގަސް ކައިރީގައި ބަހައްޓާފަ ހުންނާނީ. ދެން މިއަދު ފަތިހު 5:30 ގައި ހޭލާފައި މޫދަށް ދާން ވެގެން ނިކުތް އިރު ސައިކަލެއް ނެތް ފެންނާކަށް. ފެނުނީ އެއްކޮށް އަންދާލާފައި ހުރިތަން. ސައިކަލާއި އަޅުގަނޑުގެ ބައްޕަ ދުއްވާ ސައިކަލާއި އަޅުގަނޑު ގެންގުޅޭ ގުރާ ކޮށްޓަކާއި ދެން ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ބޮޑު އަނބު ގަހެއްގެ އެއްފަޅި އަނދާފައި ހުރީ. އެގަހަކީ އަނބު އަޅާ ފަހަރަކު ގާތްގަނޑަކަށް 30،000 ނުވަތަ 40،000 ރުފިޔާ ލިބޭ ގަސްގަސް" ޝަމީމް ވިދާޅުވިއެވެ.
މިމައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، މިއީ މިފަދަ ހާދިސާއެއް ހިނގި ފުރަތަމަ ފަހަރު ނޫން ކަމުގައި ވެސް ހއ. އަތޮޅު ކައުންސިލުގެ ނައިބު ރައީސް ވިދާޅުވިއެވެ.
"މީގެ ކުރިން އަޅުގަނޑުގެ ކޮއްކޮގެ ސައިކަލުގައި ވެސް ރޯކޮށްލި. އެއީ ޕަލްސާ ސައިކަލެއް. އަޅުގަނޑުމެންގެ ގޭދޮރު މަތިން އަންދާލެވޭ ދެވަނަ ސައިކަލު މިއީ. ކުރިން އެކަން ކުރި މީހުންވެސް އަދި ނުހޯދޭ" ޝަމީމް ވިދާޅުވިއެވެ.
މިކަމާއި ގުޅޭގޮތުން ފުލުހުން ވިދާޅުވީ މިފަދަ މައްސަލައެއް ހުށަހެޅެފައިވާ ކަމަށާއި ބަލަމުންދާ ކަމަށެވެ.