ކޮވިޑާ ގުޅިގެން ވަޒީފާ ގެއްލުނު ފަރާތްތަކަށް ހައްލެއް ހޯދައިދިނުމަށް ޑީއާރްޕީގެ ކުއްލި މައްސަލައެއް މަޖިލީހަށް
ކޮވިޑް19 އާ ގުޅީގެން ރާއްޖޭގެ އެކި ސިނާއަތްތަކުގައި މަސައްކަތްކުރާ ގިނަ ޒުވާނުންތަކެއްގެ ވަޒީފާ ގެއްލިފައިވާތީ ސަރުކާރުން އެބޭފުޅުންނަށް ހައްލެއް ހޯދައިދިނުމަށް ގޮވާލާ ޑީއާރްޕީ ގެ ލީޑަރު އަދި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފިއެވެ.
މި މައްސަލައިގައި ގިނަ ބައެއްގެ އަދި ހާއްސަކޮށް ރިސޯޓު ބޯއިސް ގެ ވަޒީފާ ގެއްލި، އެ ފަރާތްތަކުން 2 މަސް ދުވަހަށް ވުރެ ގިނަ ދުވަހު ބަންދުވެފައިތިބެންޖެހި އަދި އާމްދަނީ ލިބުން ހުއްޓި އާއިލާތައް ބިކަ ވެފައިވަނީ ކޮވިޑް19 އާ ގުޅިގެން ސަރުކާރުން އެޅި ދޯދިޔާ ފިޔަވަޅުތަކުގެ ސަބަބުން ކަމުގައި ތުހުމަތުކޮށްފައިވެއެވެ.
އެހެންކަމުން މި ފަރާތްތަކަށް ލިބިފައިވާ ގެއްލުމުން ސަލާމަތްކޮށްދިނުމަށްޓަކައި މި މައްސަލަ ހުށަހަޅާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ގަވައިދުގެ 170 ވަނަ މާއްދާގެ ދަށުންނެވެ.
މި މައްސަލައިގައި މައިގަނޑު ދެ ކަމެއް ފާހަގަކޮށްފައިވެއެވެ. އެގޮތުން ފުރަތަމަ ކަމެއްގެ ގޮތުގައި ރާއްޖޭގެ ހުރިހާ ސިނާއަތްތަކެއްގައި މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަށް ލިބުނު ގެއްލުންތަކުން އަރައިގަނެއެ، ވަޒީފާ އަށް ގޮސް އާމްދަނި އެއް ލިބެންފެށުމާއި ހަމައަށް ސަރުކާރުން އެހުރިހާ ފަރާތްތަކަށް އިނާޔަތް ދިނުމުގެ އިންތިޒާމް ދިނުން ހިމަނާފައިވެއެވެ.
އަދި ދެވަނަ ކަމެއްގެ ގޮތުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ރީބައުންޑު ކުރުމަށް ބޭނުން ރިސޯސަސް މިހާރުން މިހާރަށް ގާއިމްކޮށްދިނުމަށާއި އެކަމަށް ބިއުރޯއެއް އުފައްދަވައި ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމަށް މިހާރުން މިހާރަށް މަސައްކަތް ފެށުން ހިމަނާފައިވެއެވެ.