ދެން ފުރަމަލަ

އެއްފަހަރާ ދެއަތުން ކުރަހާ ދިވެހި ކުރެހުންތެރިޔާ : އެންމެން އާޝޯހު ކޮށްލައިފި

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ކަރަންޓީން އާރޓްޕޯސްޓިންގް ގެ ނަމުގައި ފުރަބަންދުގެ މުއްދަތުގެ ތެރޭގައި އުފެދިގެން ދިޔަ ގުރޫޕަކީ މިއަދު ދިވެހިންގެ ތެރޭގައި ވަރަށް މަގުބޫލު ގުރޫޕެކެވެ. ފުރަބަންދުގެ ދުވަސްވަރުގައި ފަންނާނުންގެ ހުނަރު ދައްކާލުމަށް ހެދި މި ފަންނީ ގުރޫޕުގެ ނަން މިއަދު ވަނީ ރާއްޖެ އާރޓްޕޯސްޓިންގް ގެ ނަމަށް ބަދަލު ކޮށްފައެވެ. މިހާރުވެސް އަދި ކުރިންވެސް މި ގުރޫޕުން ކުޅަދާނަ އެތައް އާރޓިސްޓުންނެއް ފެންނަމުން އެބަދެއެވެ.

Ads by STELCO

މީގެ ދުވަސްކޮޅެއް ކުރިން މި ގުރޫޕުގެ ބައިވެރިންގެ ސަމާލުކަން ހޯދި އެއް ކުރެހުންތެރިއަކީ އަފްލާ އަހްމަދު އެވެ. އަފްލާ އަހްމަދު އަކީ ރާއްޖެ އަރޓް ޕޯސްޓިންގ ގުރޫޕް ފެށުނީއްސުރެ ވެސް އެގުރޫޕުގައި އޭނާގެ މަސައްކަތްތައް ހިއްސާ ކުރަމުން އަންނަ ޒުވާން ކުރެހުންތެރިއެކެވެ.

އުމުރުން އެންމެ 18 އަހަރުގެ މި ކުރެހުންތެރިޔާ އަކީ ދެ އަތުންވެސް ވަރަށް ޗާލުކޮށް ކުރެހުމުގެ ހުނަރު ލިބިފައިވާ ކުރެހުންތެރިއެކެވެ. ދާދި އިހަކަށް ދުވަހަކު އަފްލާ ވަނީ އޭނާގެ ދެއަތުން އެއްފަހަރާ ކުރަހަމުންދާ ވީޑިޔޯއެއް މި ގުރޫޕުގައި ހިއްސާ ކޮށްފައެވެ. އަދި މި ވީޑީޔޯއަށް އެތައް ބައެއްގެ ތަރުހީބުވެސް ލިބިފައި ވެއެވެ. އަފްލާގެ މި ހުނަރުވެރިކަން ފެނި އެތައް ބަޔަކު ވަނީ އާޝޯހު ވެފައެވެ.

"ދެން"އާ ވާހަކަ ދައްކަމުން އަފްލާ ބުނީ ކުރެހުމަކީ އެންމެ ކުޑައިރުއްސުރެންވެސް އޭނާ ކުރާ ހިތްވާ ކަމެއް ކަމަށެވެ. އެގޮތުން އޭނާގެ އުމުރުން އެންމެ 2 އަހަރުގައި ވެސް ގަނޑަކާއި ކްރެއޯން އެއް ދީފައި ބޭންދުމުން ބަސްއަހައިގެން ކުރަހަން އިންނަ ކަމަށް އަފްލާގެ މަންމަ ބުނެދިން ކަމުގައި އޭނާ ބުންޏެވެ. އަދި އަފްލާގެ މަންމަ އާއި ބައްޕަ އަކީ ވެސް ކުރެހުމަށް ޝައުގުވެރިކަން ހުންނަ ބަޔަކަށްވާތީ އެންމެ ކުޑައިރުއްސުރެ ވެސް އަފްލާގެ ހުނަރު ކުރިއެރުވުމަށް މައިންބަފައިން ވަރަށް ބޮޑަށް އެއްބާރުލުން ދެމުން އަންނަ ކަމަށް އޭނާ ބުންޏެވެ. މައިންބަފައިން ކުރެހުންތެރިންނަށް ވުމަކީ އެކަމަށް އޭނާ ޝައުގުވެރި ކުރުވި އެންމެ ބޮޑު އެއް ސަބަބު ކަމަށް އަފްލާ ގަބޫލު ކުރެއެވެ.

އަފްލާ އަހްމަދުގެ ކުރެހުންތަކެއް

އޭނާގެ ކުރެހުންތައް ކުރިން މީސްމީޑިޔާގައި ވެސް ހިއްސާ ކޮށް ނުހަދާ ކަމަށް އަފްލާ ބުންޏެވެ. ނަމަވެސް ސުކޫލުގައި އުޅުނު އިރު ކުރެހުމުގެ ދެތިން މުބާރާތެއްގައި ބައިވެރިވި ކަމުގައި އޭނާ ބުންޏެވެ. ހިތުގައި އުފެދޭ އިހްސާސްތައް ކުރެހުމުގެ ޒަރީއާއިން ފާޅުކުރުމުގެ ބޭނުމުގައި ކުރަހަންފެށި އަފްލާ އޭނާގެ މަސައްކަތް ތައް މީސް މީޑިޔާގައި ހިއްސާ ކުރަން ފެށީ މީގެ 2 އަހަރު ކުރިން ކަމުގައި ވެސް އޭނާ ބުންޏެވެ.

އަފްލާ އަކީ ހަމައެކަނި ކުރެހުންތެރިއެއް ނޫނެވެ. އޭނާ އަކީ އިނގިރޭސި ބަހުން ޅެން (ޕޮއެޓްރީ) ވެސް ހަދާ ކުޅަދާނަ ޒުވާނެކެވެ. އަފްލާގެ ޅެންތައް އަޅުގަނޑުވެސް ކިޔާލީމެވެ. ވަރަށް ވެސް ރީއްޗެވެ. އެހާމެ މާނަ ފުނެވެ. ހިތުގައި އުފެދޭ ޝުއޫރުތައް ގެނެސްދީފައި ހުންނަނީ ވަރަށް ވެސް ފުރިހަމަ ކޮށެވެ. ކުރިންވެސް އަފްލާ ފާހަގަ ކުރި ފަދައިން ކުރެހުމާއި އެއްގޮތަށް ޅެންވެރިކަމުންވެސް އޭނާ ހާމަ ކޮށްދެނީ އޭނާގެ ހިތުގެ ޝުއޫރުތަކެވެ.

އަފްލާ ބުނީ އަފްލާގެ މަސައްކަތުން ހިތްވަރު ލިބި އައު ކުރެހުންތެރިންތަކެއް އުފެދުމަކީ އޭނާ ދެކޭ ހުވަފެނެއް ކަމަށެވެ. އަދި އަމިއްލަ ޅެން އަދި ކުރެހުން ހިމަނައިގެން ފޮތެއް ނެރުމަކީ ވެސް އޭނާ ދެކޭ ހުވަފެނެއް ކަމުގައި އަފްލާ ފާހަގަ ކުރިއެވެ.

އޭނާ ބުނީ ކުރެހުމަކީ އޭނާ ވަރަށް ކުރާ ހިތްވާ ކަމެއް ކަމަށާއި އަދި ކުރެހުމަށް ވަކި ޚާއްޞަ ތަނެއް ބޭނުން ނުވާނެ ކަމަށެވެ. ރެސްޓޯރެންޓެއްގައި ޓިޝޫ އަކާއި ގަލަމެއް ބޭނުން ކޮށްގެންވެސް އޭނާ އަށް ކުރެހިދާނެކަން ފާހަގަ ކުރަމުން އަފްލާ ބުނީ، ކުރެހުމަކީ އޭނާ އެންމެ ފޫހި ފިލާ އެއް ކަންތައް ކަމުގައެވެ.

އަފްލާ އަހްމަދުގެ ކުރެހުމެއް

ދެއަތުން ކުރެހުމަށް ވިސްނުން އައީ ކިހިނެއްތޯ ސުވާލު ކުރުމުން އަފްލާ ބުނީ ކުރިންވެސް ވައަތުން ކުރެހޭތޯ އޭނާ މަސައްކަތް ކުރި ކަމަށެވެ. އަދި ވައަތުންވެސް ހަމަ ކަނާއަތުން ކުރެހޭހާ ރީއްޗަށް ކުރެހޭ ކަމުގައި އޭނާ ބުންޏެވެ. ނަމަވެސް އޭރުވެސް ދެ އަތުން އެއްފަހަރާ ކުރެހުމަށް މަސައްކަތް ނުކުރާ ކަމުގައި އަފްލާ ބުންޏެވެ.

ދެ އަތުން އެއްފަހަރާ ކުރެހުމުގެ ވިސްނުން އައީ ދާދި ފަހަކުން އިންސްޓަގްރާމްގައި ކުރެހުންތެރިއަކު ހިއްސާކޮށްފައިވާ ވީޑިޔޯއެއް ބެލުމަށް ފަހުގައި ކަމަށް އަފްލާ ބުންޏެވެ. އަދި އެ ވީޑިޔޯ ފެނި ދެއަތުން ކުރަހަން މަސައްކަތް ކުރީ ކަމަށާއި ﷲގެ އިރާދަފުޅާއެކު ވަރަށް ކާމިޔާބު ކަމާއެކު ދެއަތުން އެއްފަހަރާ ވެސް ކުރެހުނު ކަމަށް އޭނާ ބުންޏެވެ.

އަފްލާ އެއްފަހަރާ 2 އަތް ބޭނުންކޮށް ކުރަހާފައިވާ ކުރެހުމެއް
އަފްލާ އެއްފަހަރާ 2 އަތް ބޭނުންކޮށް ކުރަހާފައިވާ ކުރެހުމެއް

އަފްލާގެ މި މަސައްކަތުގައި އެހީތެރިވެ ސަޕޯޓް ދިނުމުގައި މަންމަ އާއި ބައްޕަ ކުރާ މަސައްކަތް ވަރަށް ބޮޑަށް ފާހަގަކޮށް އޭނާ ވަނީ މައިންބަފައިންނަށް ޝުކުރު އަދާކޮށްފައެވެ. ފާއިތުވެދިޔަ ގިނަ އަހަރުތަކެއް ލަންކާގައި ދިރިއުޅެފައިވާ އަފްލާ ބުނީ އަފްލާގެ ކުރެހުންތަކަށް ސަޕޯޓް ކުރައްވާ ހުރިހާ ފަރާތްތަކަށް ވެސް ވަރަށް ބޮޑަށް ޝުކުރު އަދާ ކުރާ ކަމަށާއި އެއީ ވަރަށް އުފާ ވާ ކަމެއް ކަމުގައި ވެސް އޭނާ ފާހަގަ ކުރިއެވެ.

އަފްލާ އިތުރަށް ފާހަގަ ކުރި ކަމަކީ ދިވެހިރާއްޖޭގައި ހުނަރުވެރި އެތައް ފަންނާނުންނެއް އުޅޭ ކަމެވެ. ކުރެހުންތެރިން އެކަންޏެއް ނޫނެވެ. އެކި ހުނަރުތަކުން ފުރިގެން ވާ އެތައް ފަންނާނުންނެއް މި ކުޑަކުޑަ ދިވެހި ރާއްޖޭގައި ވެސް އެބައުޅެއެވެ. އަދި ރާއްޖެ އާރޓްޕޯސްޓިންގް ގުރޫޕުން އެތައް ފަންނާނުންނެއް ފެނިއްޖެ ކަމަށާއި އެ ހުރިހާ ފަންނާނުންނަށްވެސް އަބަދުވެސް ކާމިޔާބަށް އެދޭ ކަމަށް އަފްލާ ބުންޏެވެ.

އަފްލާ އަކީ ކުޅަދާނަ ކުރެހުންތެރިއެކެވެ. ދެ އަތުން އެއްފަހަރާ އެހާ ރީއްޗަށް ތަފާތެއް ނެތި ކުރެހުމަކީ ކޮންމެ ކޮންމެ މީހަކަށް ވާނެ ކަމެއް ނޫނެވެ. އަދި ކޮންމެ ކުރެހުންތެރިއަކަށް ވެސް ވާނެ ކަމެއް ނޫނެވެ. އަދި އެއީ އާދައިގެ ހުނަރެއް ވެސް ނޫނެވެ. އަފްލާގެ ހުނަރު އިތުރަށް ކުރިއެރުވުމަކީ އަފްލާގެ އުއްމީދެވެ.

"ދެން"ފަރާތުން އެދެނީ އަފްލާއަށް އިތުރު ކާމިޔާބީއަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!