ޚަބަރު

ޖަލުގައި ހޭދަކުރައްވާ ކޮންމެ ދުވަހަކު ޔާމީނަށް އޮންނަ ތާއީދު ދަނީ އިތުރުވަމުން: އަދުރޭ

ދެން އެމްވީ ، ދެން އޮންލައިން

ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުގައި ހޭދަކުރައްވާ ކޮންމެ ދުވަހަކު ދަނީ އެމަނިކުފާނަށް ތާއީދު އިތުރުވަމުން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުލްރަހީމް އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި އަދުރޭ ވިދާޅުވީ ސަރުކާރުން ރައީސް ޔާމީނަށް އަނިޔާ ކުރަމުން ދާއިރު، ރައްޔިތުން ބޭނުންވާ ތަރައްގީ ސަރުކާރަށް ގެނެސް ނުދެވޭ ކަމަށާއި ވައުދުތައް ވެސް ނުފުއްދޭ ކަމަށެވެ. އޭގެ ސަބަބުން ސަރުކާރަށް އޮތް ތާއީދު ކުޑަވެ، އިދިކޮޅު ކޯލިޝަނަށް ތާއީދު އިތުރުވަމުންދާ ކަމަށެވެ.

"ރައީސް ޔާމީނަށް އޮންނަ ތާއީދު ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން. އެމަނިކުފާނު ޖަލުގައި ހޭދަކުރައްވާ ކޮންމެ ދުވަހަކު ދަނީ އެމަނިކުފާނަށް ތާއީދު އިތުރުވަމުން. މި ސަރުކާރުން ހޭދަ ކުރާ ކޮންމެ ދުވަހަކަށް ރައީސް ޔާމީނަށް އޮންނަ ތާއީދު ވަނީ އިތުރުވަމުން ދޭ،" އަދުރޭ ވިދާޅުވި އެވެ.

ޕީޕީއެމްއަކީ ލާމަރުކަޒީ ނިޒާމު ދަންނަ ޕާޓީއެއް ނޫން ކަމަށް ބުނެ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީގެ ލީޑަޝިޕްގެ ބޭފުޅުން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ވެސް އަދުރޭ ރައްދު ދެއްވި އެވެ. އަދުރޭ ވިދާޅުވީ ސިޔާސީ ހަރަކާތް ހިންގައި ދިވެހިންނަށާއި ގައުމަށް ހެޔޮ އެދިގެން މަސައްކަތް ކުރަނީ ހަމައެކަނި އިދިކޮޅު ކޯލިޝަނުން ކަމަށެވެ.

"އެމްޑީޕީ އެ ދަންނަ ޑިމޮކްރަސީއެއް އަޅުގަނޑުމެން ނުދަންނަން. އެ ޑިމޮކްރަސީ ދަސް ކުރާކަށް އަޅުގަނޑުމެން ބޭނުމެއް ވެސް ނޫން. އެ ބޭފުޅުން ދަންނަ ލާމަރުކަޒީއަކީ ލާދީނީ ޑިމޮކްރަސީ. ކެމްޕޭނަށް ދައުލަތުގެ ވަސީލަތް ބޭނުން ކުރުން، އެ އަޅުގަނޑުމެން ބޭނުމެއް ނޫން." އަދުރޭ ވިދާޅުވި އެވެ.

އަދުރޭ ދެން ވިދާޅުވީ ގައުމު ސަލާމަތް ވާނީ ކައުންސިލްތައް ޕީޕީއެމަށް ދީގެން ކަމަށެވެ. އަދި އޭގެ ފަހަށް ވެސް މަސައްކަތް ނުނިމޭ ކަމަށާއި ކައުންސިލްތައް ކާމިޔާބުކޮށް ޕީޕީއެމް އަލުން ވެރިކަމަށް ގެންނަން މަސައްކަތް ފަށަން ޖެހޭ ކަމަށެވެ.

އަދުރޭ ވިދާޅުވީ މާދަމާގެ މުސްތަގުބަލު ބިނާ ކުރެވެން އޮތީ ޕީޕީއެމްއަށް ވެރިކަމާ ހަވާލު ކޮށްގެން ކަމަށާއި ރައްޔިތުން ޕީޕީއެމްއަށް މި ފުރުސަތު ހޯދައިދޭން ޖެހޭ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!