ފިޓްފާޒިލް ގެ ނަސީބުވެރިޔާ ގެ ފޮޓޯ އާންމުކޮށްފި، ހުރީ މޫނު ބުރުގާ އަޅައިގެން
ގިނަ ބައެއްގެ ފާޑު ކިޔުންތަކަކަށް ފަހު ފިޓް ފާޒިލް އޭނާގެ އިންސްޓަގްރާމް ގިވްއަވޭ ގެ ނަސީބުވެރިޔާ ގެ ފޮޓޯ އާއި ވީޑިއޯ އާންމުކޮށްފިއެވެ.
މި ވީޑިއޯ އިން ފެނިގެންދަނީ ފިޓް ފާޒިލް އޭނާގެ ގިވްއަވޭ ގެ ހުރިހާ ހަދިޔާތަކެއް މޫނުބުރުގާ އަޅައިގެން އިން މީހަކާ ހަވާލުކުރާ ތަނެވެ. ވީޑިއޯ ގެ ކެޕްޝަން ގައި އެއީ އޭނާ ގެ ގިވްއަވޭ ކާމިޔާބު ކުރި ޝަރުމީލާ ކަމުގައި ފާޒިލް ބުނެފައިވެއެވެ.
އަދި ކުރިން ފޮޓޯ ހިއްސާ ނުކުރީ އެގޮތަށް ޝަރުމީލާ އެދުމުން ކަމުގައި ވެސް ފާޒިލް ބުނެފައިވެއެވެ. އަދި ޝަރުމީލާ އެގޮތަށް އެދިފައިވަނީ އޭނާ އެއްވެސް ކަހަލަ މީސް މީޑިއާ ގެ ސަމާލުކަން ބޭނުން ނުވާތީ ކަމުގައިވެސް ފާޒިލް ބުނެފައިވެއެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އޭނާގެ ޕްރައިވެސީ އަށް އިހުތިރާމް ކުރުމަށް ފާޒިލް ވަނީ އެދިފައެވެ.
ނަމަވެސް މީސް މީޑިއާ ގައި ފާޒިލް ގެ ގިވްއަވޭ އާ ގުޅިގެން ދައްކަމުން އަންނަ ވާހަކަތަކުގެ ސަބަބުން ޝަރުމީލާ ފޮޓޯ ހިއްސާކުރަން ބޭނުންވީ ކަމުގައި ވެސް ފާޒިލް ބުނެފައިވެއެވެ.
ފާޒިލް އޭނާގެ ގިވްއަވޭ ގެ ނަސީބުވެރިޔާ ގެ ފޮޓޯ މީސް މީޑިއާ ގައި އާންމުކޮށްފައިމިވަނީ ޝަރުމީލާގެ އެކައުންޓަކީ ފާޒިލް އަމިއްލައަކަށް އުފައްދައިގެން އުޅޭ އެކައުންޓެއް ކަމަށް ބައެއް ފަރާތްތަކުން ބުނެ "ޝަރުމީލާ" އެޕޯސްޓުގައި ޓެގު ކޮށްފައިވަނީ ވެސް އެންމެ މީހަކަށް ކަމަށާއި އެއީ އަސްލު އައިޑީ އަކަށް ނުވުމުން ގިނަ އެކުވެރިންވެސް ނެތްކަމަށް ބުނެ ގިނަ ތުހުމަތުތަކެއް ކޮށްފައިވަނިކޮށެވެ.
ނަމަވެސް މިހާރު ގިނަ ބަޔަކު އަންނަނީ އެއީ ހަގީގަތުގައި ވެސް ޝަރުމީލާ ތޯ ނުވަތަ މޫނުބުރުގާ އަޅައިގެން އިން އެހެން މީހެއްތޯ ސުވާލު އުފައްދާފައެވެ.