ނާޗަރަންގީ ޖަގަހަތަކަށް ވުރެ ޒުވާނުން ބޭނުން ވަނީ ވަޒީފާގެ ފުރުސަތާއި، ބޯހިޔާވަހިކަން: ޑރ.ޝަހީމް

ނާޗަރަންގީ ޖަގަހަތަކަށް ވުރެ ޒުވާނުންނަށް މިއަދު ބޭނުން ވަނީ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތަކާއި ހިތް ފަސޭހަ ދިރިއުޅުމާއި ބޯ ހިޔާވަހިކަމާއެކު ދިރިއުޅެން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ.ޝަހީމް މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. ޝަހީމް ވިދާޅުވީ ނާޗަރަންގީ ޖަގަހަތަކަށް ވުރެ ޒުވާނުންނަށް މިއަދު ބޭނުން ވަނީ އެކަށީގެންވާ ވަޒީފާގެ ފުރުޞަތުތަކާއި ހިތްފަސޭހަ ދިރިއުޅުމާއި ބޯ ހިޔާވަހިކަމާއި ހަރުދަނާ ޢާއިލާއެއް ބިނާކުރުމާއި އަބުރުވެރި ދިރިއުޅުމެއް ކަމަށެވެ. އަދި ސިޔާސީ ލީޑަރުން އަމާޒު ހިފަންވީ ޒުވާނުންގެ މުސްތަޤުބަލު އުޖާލާ ކުރުމުގެ މައްޗަށް ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް މިހެން ވިދާޅުވެފައި ވަނީ މާލޭގައި ޒުވާނުން ހިތްފަސޭހަ ކޮށްލައި މުނިއަވަސް ފިލުވައި ހާސްކަމެއް ނެތި މަޖާކޮށް މިއުޒިކު ކުޅެ މިއުޒިކު އަޑުއަހައި ނަށާލާނެ މަރުކަޒެއް ޤާއިމު ކުރުމަށް ގޮވައިލާ ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ހުޅަނގު ދާއިރާ މެންބަރު ޙަސަން ލަޠީފު ހުށަހެޅުއްވި ޤަރާރާ ގުޅިގެންނެވެ.
ޑިގްރީއާއި މާސްޓަރސް ހަދާފައި ވަޒީފާ އެއް ނެތިގެން ޢާއިލާއާއި މައިން ބަފައިންނަށް ދޭންޖެހޭ އެހީތެރިކަން ދެވޭނޭ ގޮތެއް ނުފެނި އެތައް ޒުވާނުން މަގުމަތިވެފައި އެބަތިބި ކަމަށް ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވަނީ ޒުވާނުން ، ނާޗަރަންގީ ޖަގަހަ ތަކާއި ނައިޓް ކްލަބްތަކުގެ ޝިކާރަ އަކަށް ވިޔަ ނުދީ ޤައުމުގެ މުސްތަޤުބަލަށްޓަކައި ޒުވާނުންގެ ޝަޚުޞިއްޔަތު ބިނާ ކުރުމަށް އެދިފައެވެ.