"ކޮފީ ވިތު ކަރަން" އަށް އަރަން އަހަންނަށް މަޖުބޫރުކުރި: ރަންބީރު
މިދުވަސްވަރު ބޮލީވުޑްގައި މީހުންގެ ފަރާތުން އެންމެ ބޮޑު ނުރުހުމަކާއި ކުރިމަތިލާން ޖެހިފައިވާ އެކަކީ ފިލްމު ޕްރޮޑިއުސާރ އަދި ޑިރެކްޓާރ ކަރަން ޖޯހަރް އެވެ.
އެކްޓަރ ސުޝާންތު ސިންގް ރާޖްޕޫތު ވެސް އަމިއްލައަށް މަރުވީ ކަރަން ޖޯހަރް ގެ ސަބަބުން ކަމަށާއި، އޭނާގެ ހަ ފިލްމުގެ މަސައްކަތް ވެސް ހުއްޓުވީ ކަރަން ކަމަށް ގިނަ ބަޔަކު ޤަބޫލުކޮށް، އިންޑިއާގައި އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.
މީގެއިތުރުން ކަރަން ހޯސްޓު ކުރާ "ކޮފީ ވިތު ކަރަން" ޓޯކްޝޯ އަކީ ވެސް މިފަދައިން މީހުންގެ ދިރިއުޅުން ހަލާކު ކުރުމަށާއި ފިތުނަ ފަސާދަ ފެތުރުމަށް އުފައްދާފައިވާ ޝޮއެއް ކަމަށް ބުނެ، އެޝޯއާއި މެދު ވެސް ގިނަ ބަޔަކު އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.
މިޝޯއާއި މެދު ބޮލީވުޑްގެ ބައެއް އެކްޓަރުން ވެސް ވަނީ މީގެ ކުރިންވެސް ނުރުހުން ފާޅު ކޮށްފައެވެ.
އެގޮތުން ކަރަން ޖޯހަރްގެ އެންމެ ގާތް އެކަކު ކަމަށްވާ އާލިއާ ބަޓްގެ މިހާރުގެ ލޯބިވެރިޔާ ރަންބީރު ކަޕޫރް ވެސް ވަނީ މީގެކުރިން "ކޮފީ ވިތު ކަރަން" ޝޯއާއިމެދު ނުރުހުން ފާޅު ކޮށްފައެވެ.
އެގޮތުން ރަންބީރު އެރި އެހެން ޝޯއެއްގައި އޭނާ ބުނެފައިވަނީ "ކޮފީ ވިތު ކަރަން" ގައި އޭނާ ބައިވެރިވީ މަޖުބޫރުން ކަމަށާއި އެޝޯއަށް ނާރުވަން ވެސް ކުރިން އެދިފައިވާނެ ކަމަށެވެ.
"އަހަރުމެން އެކްޓަރުން އެޝޯއަށް އަރައިގެން، އެކި ކަހަލަ ވާހަކަތައް ދެއްކުމުން މުޅި ކެރިއަރަށް ވެސް އޭގެ އަސަރުކުރޭ. އެކަމަކު ކަރަން އަހަރުމެންލައްވާ ވާހަކަތައް ދައްކުވާނެ." ރަންބީރު ބުންޏެވެ.
"ކޮފީ ވިތު ކަރަން" ގެ "ރެޕިޑް ފަޔަރ ރައުންޑް" އިން މޮޅުވާ މީހަކަށް ލިބޭ ހަދިޔާގައި ހުންނަނީ ކޯޗެއްތޯ އެހުމުން ރަންބީރު ބުނީ އޭގައި މާޚާއްސަ އެއްޗެއް ނުހުންނަ ކަމަށާއި ހުންނަނީ ހުސް އެކައްޗެއް ކަމަށެވެ.