ކްލަބްތަކުން ކަންބޮޑުވާ ފަދައިން އަޅުގަނޑުގެ ކަންބޮޑުވުން ވެސް އެބައޮތް: މަހްލޫފު

ކޮވިޑް-19ގެ ކޭސްތައް މާލޭގައި އިތުރުވުމާ ގުޅިގެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އެޅި ފިޔަވަޅުތަކުގެ ތެރެއިން ފުޓްބޯޅަ ހަރަކާތްތައް މެދުކަނޑާލައިފައި ވާތީ ކްލަބްތަކުން ކަންބޮޑުވާ ފަދައިން އެމަނިކުފާނު ވެސް ކަންބޮޑުވާކަމަށް މިނިސްޓަރ އޮފް ޔޫތު ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
އެޗްޕީއޭ އިން އެޅި ރައްކާތެެރިކަމުގެ ފިޔަވަޅުތަކާއެކު، ލީގުގެ ކުޅުމާއި ކްލަބްތަކުގެ ފަރިތަކުރުންތައް ކުއްލިއަކަށް ހުއްޓާލަން ޖެހުމުން ޓީމުތަކުން ވަނީ ކަންބޮޑުވުން ފާޅު ކޮށްފައެވެ. އަދި މިކަމަށް ހައްލެއް ހޯދައިދިނުމަށް ހުރިހާ ކްލަބަކުން ވެސް ވަނީ އެދިފައެވެ.
މިކަމާ ގުޅިގެން މިނިސްޓަރ މަހްލޫފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިކަމަށް ހައްލެއް ހޯދަން މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ދާ ކަމަށެވެ. އަދި ކްލަބްތަކުން ކަންބޮޑުވާ ފަދައިން އެމަނިކުފާނު ވެސް ކަންބޮޑުވާ ކަމަށް މިނިސްޓަރުގެ ޓްވީޓްގައި ފާހަގަ ކޮށްފައިވެއެވެެ.
މީގެ އިތުރުން، ލީގު ހުއްްޓިފައި އޮތުމަކީ އެކި ގޮތްގޮތުން ބޮޑެތި ގެއްލުންތަކެއް ކްލަބްތަކާއި ކުޅުންތެރިންނަށް ލިބޭ ކަމެއް ކަމުގައި ވެސް މިނިސްޓަރު މަހްލޫފް ވިދާޅުވެފައިވެއެވެ.
ލީގުގެ ކުޅުމާ ކްލަބްތަކުގެ ފަރިތަކުރުންތައް ހުއްޓާލަން ޖެހުމުގެ ސަބަބުން ކްލަބްތަކުންނާއި ކޯޗުން އަދި ކުޅުންތެރިން ވެސް ދަނީ ނުރުހުން ފާޅު ކުރަމުންނެވެ.