އަރާމު ކުރާނީ ރައީސް ޔާމީން މިނިވަންކޮށް 2023 ގައި ވެރިކަމަށް ގެނައުމަށް ފަހު: ޖަމީލް
ރާއްޖެއަށް މިހާރު ދިމާވެފައިވާ ކަންކަމުގެ ހައްލަކީ 2023 ވަނަ އަހަރު ދިވެހިރާއްޖޭގެ ރައީސް ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ގެނައުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވީ، ޕީޕީއެމް އާއި އަލުން ގުޅިވަޑައިގަތުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޖަމީލު ވިދާޅުވީ އޭނާ ފުރިހަމަ ގޮތުގައި އަރާމު ކުރާނީ ފަސް އަހަރަށް ޖަލަށްލާފައިވާ ކުރީގެ ރައީސް ޔާމީން ސަލާމަތުން ގެއަށް ގެނެސް، 2023 ވަނަ އަހަރު ދިވެހި ގައުމުގެ ރިޔާސަތަށް ގެނައުމަށްފަހު ކަމަށެވެ.
ޖަމީލު ވިދާޅުވީ ރާއްޖެ ދަތުރުކުރަންޖެހެނީ ޔާމީން ދައްކުވައިދިން މަންޒިލުގައި ކަމަށާއި އެގޮތުން ރާއްޖޭގެ މިއަދުގެ ތަރައްގީގެ ޣާއިދަކީ ޔާމީން ކަމަށެވެ. އަދި ޔާމީން ހިންގެވި ކަމަށް ބުނާ ކޮރަޕްޝަނެއް މިއަދާއި ހަމައަށް އައިއިރުވެސް ސާބިތުކޮށްދެވިފައި ނުވާ ކަމަށާއި ޔާމީން ޖަލުގައި ބަހައްޓާފައި ހުންނެވީ ހަސަދަވެރިކަމެއްގެ ތެރެއިން ކަމަށްވެސް ޖަމީލު ވިދާޅުވިއެވެ.
ޖަމީލު ވިދާޅުވީ ރާއްޖެއަށް މިހާރު ވަނީ އިޤްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ކަމެއް ކުރިމަތިވެފައި ކަމަށާއި އެކަންކަން ހައްލު ކުރެވޭނީ ރައީސް ޔާމީނަށް ކަމަށެވެ.
ޖަމީލު އިތުރަށް ވިދާޅުވީ ދަތުރުކުރަން ޖެހެނީ އެންމެ މަންޒިލަކަށް ކަމަށާއި އެއީ ރައީސް ޔާމީން ދެއްކެވި މަންޒިލަށް ކަމަށެވެ. އަދި އިޤްތިސާދު ބައްޓަން ކުރަންޖެހެނީ އެންމެ ގޮތަކަށް ކަމަށާއި އެއީ ރައީސް ޔާމީން ބައްޓަން ކުރެއްވި ގޮތަށް ކަމަށެވެ. ޑރ.ޖަމީލު ވިދާޅުވީ ދިވެހިރާއްޖޭގެ ތަރައްޤީގެ ޤާއިދަކީ ރައީސް ޔާމީން ކަމަށެވެ.