ސެޕްޓެމްބަރު މަހު މެތަޑޯން މެއިންޓެނަންސް ތެރަޕީ ފަށަނީ
މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުންނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓެނަންސް ތެރަޕީ، އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި އަލުން ފަށަން މަޝްވަރާކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ މަސްތުވާތަކެއްޗާއި ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއް މެދުވެރި ކޮށެވެ.
މިނިސްޓަރު ވިދާޅުވީ މަސްތުވާތަކެއްޗަކީ ރާއްޖެ އާއި މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ނުރައްކާ ކަމަށާ ރާއްޖޭގައި މަސްތުވާތަކެތި ޓްރެފިކް ކުރުން ހުއްޓުވުމާއި މަސްތުވާތަކެތި ބޭނުން ކުރުން ހުއްޓުވުމާއި މަސްތުވާތަކެތި ބޭނުންކުރާ މީހުނަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރާއިރު މި މަސައްކަތަކީ އަބަދު ތަރައްގީވެ އާ ހޯދުން ތަކާއި އެވިޑެންސް ބޭސްޑް އެޕްރޯޗް ބޭނުން ކުރަމުން ގެންދަން ޖެހޭ މަސައްކަތެއް ކަމަށެވެ.
މަސްތުވާތަކެތީގެ ނުރައްކަލުގައި ޖެހިފައިވާ މީހުނަށް ފަރުވާ ދިނުމުގައި ބޭނުންކުރާ މެތަޑޯން މެއިންޓެނަންސް ތެރަޕީއަކީ ގިނަ ގަގައުމުތަކުގައި ކާމިޔާބު ކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މީގެ ކުރިން ރާއްޖޭގައި ވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިޔަ އެވެ. ނަމަވެސް ތަފާތު ސަބަބުތަކާ ހެދި ޕްރޮގްރާމް އޮތީ މެދުކަނޑާލާފަ އެވެ. ޕްރޮގްރާމް މެދުކަނޑާލީ މީގެ ތިން އަހަރު ކުރިން ރައީސް ޔާމީންގެ ވެރިކަމުގަ އެވެ.
"... ނަމަވެސް އިންޑިޔާ ސަރުކާރުގެ އެހީގައި އިންޑިޔާގެ އޯލް އިންޑިޔާ މެޑިކަލް ސައިންސަސް (އެއިމްސް) ގެ ފަންނީ އެހީތެރިކަމާއެކު މެތަޑޯން މެއިންޓެނަންސް ތެރަޕީ ފެށުމުގެ މަޝްވަރާ ތަކެއް ކުރެވި، މި ފަރުވާއަށް ބޭނުންވާ ބޭސް ރާއްޖޭން ބޭރުން ގެނެސް ސެޕްޓެމްބަރު މަހު ފަރުވާގެ މަސައްކަތް ފެށުމަށް މިހާރު ދަނީ ކުރެވެމުން،" މިނިސްޓަރު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތް ކުރުމަކީ ހަމައެކަނި އެއިރެއްގައި އޮންނަ ސަރުކާރަކުން ކުރަންޖެހޭ ކަމެއް ކަމުގައި ދުށުމުގެ ބަދަލުގައި އާންމު ފަރުދުންނާއި މުޅި މުޖްތަމައުގެ ބައިވެރިވުން އެކަމަށް ބޭނުންވާ ކަމަށެވެ.
"މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންގެ ސަބަބުން އަޅުގަނޑުމެންގެ ޒުވާން ޖީލަށް ނުރައްކާ ވަމުންދާއިރު މިކަމުގައި އަޅުގަނޑުމެން އެންމެން ގުޅިގެން އިތުރު ހިތްވަރަކާއެކު މަސައްކަތްތަކެއް ކުރަން ވަނީ ޖެހިފައި، ގޭތެރެއިން ފެށިގެން ރީހެބިލިޓޭޝަން ސެންޓަރާއި ހިސާބަށް އަދި ރީހެބިލިޓޭޓް ވުމަށްފަހު މުޖަތަމައުއަށް ބޭނުންތެރި މީހެއްގެ ގޮތުގައި އަނބުރާ އައުމަށްފަހު ވެސް އެމީހަކީ މުޖްތަމައުން ބަލައިގަންނަ މީހަކަށް ހެދުމަށް އަޅުގަނޑުމެން އެންމެން ވެސް މަސައްކަތްކުރަން ޖެހޭ،"
މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ފަރުވާދީ، އެކަމުން ސަލާމަތްވެފައިވާ މީހުންގެ ގޮތުގައި އަނބުރާ މުޖްތަމައަށް ނެރުމަކީ ބުރަ އަދި ގޮންޖެހުން ގިނަ މަސައްކަތެއް ކަމަށާއި ފަރުވާ ބޭނުންވާ ގިނަ މީހުން ފަރުވާގެ އިންތިޒާރުގައި ތިބެން ޖެހުމުގެ ބަދަލުގައި ބޭނުންވާ ފަރުވާ ލިބުމުގައި ހުރިހާ ދާއިރާތަކެއް ގުޅިގެން މަސައްކަތް ކޮށްފިނަމަ މިކަމުގައި އިތުރު ކާމިޔާބުތަކެއް ލިބިގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.