ކުޑައިރުއްސުރެ އަހަރެން ކަޅު ވާހަކަ އެންމެން ދައްކާ : ބިޕާޝާ
ކުޑައިރުއްސުރެ ފަށައިގެން ވެސް އޭނާގެ ކަޅު ވާހަކައާއި އޭނާގެ ކޮއްކޮމެން ދޮން ވާހަކަ ދައްކަމުން އަންނަ ކަމަށް ބޮލީވުޑް ތަރި ބިޕާޝާ ބާސޫ ބުނެފިއެވެ.
ބިޕާޝާ މިހެން ބުނެފައިވަނީ ފެއާ އެންޑް ލަވްލީ އިން އެ ބްރޭންޑުގެ ނަން ބަދަލު ކުރުމާއި ގުޅިގެން ބިޕާޝާ ކުރި އިންސްޓަގްރާމް ޕޯސްޓެއްގައެވެ. އެގޮތުން އޭނާ ވަނީ އޭނާގެ ހަމުގެ ކުލަ އަނދިރި ވުމުގެ ސަބަބުން މިއަދާ ހަމައަށް އައިރު ކުރިމަތިވި ތަފާތު އެކި އެކި ކަންކަން ހިއްސާކޮށްފައެވެ.
އެގޮތުން ބިޕާޝާ ބުނި ގޮތުގައި ކުޑައިރުވެސް އާއިލާ ގެ އެހެން ކުދިންނާ އޭނާ ގެ ހަމުގެ ކުލަ އަޅާ ކިޔާ ކަމަށެވެ. އަދި ބޮޑުވެގެން އައިރުވެސް އެފަދަ ފުރައްސާރަތަކާއި ކުރިމަތިވަމުން އައި ކަން ބިޕާޝާ ފާހަގަކުރިއެވެ.
އަދި އެންމެ ފުރަތަމަ އިންޑިއާ ގައި މޮޑެލް ކުރަން ފެށުމާއެކު ވެސް ކަޅު ކަމަށް ބުނެ ތަފާތު އެކި ކޮމެންޓުތައް ލިބުނު ކަމަށާއި ނޫސްތަކުގެ ސުރުހީގައި ވެސް އެގޮތަށް އޭނާ ސިފަކޮށްފައިވާ ކަމަށެވެ.
އޭނާގެ ކެރިއަރުގެ ވަކި ހިސާބަކުން ނިއުޔޯކް އަށް ދެވުމުން، އެތާގައި ހަމުގެ ކުލަ އަނދިރި ކުދިންނަށް އޮންނަ ލޯބި ހާމަވެގެންދިޔަ ކަމަށްވެސް ބިޕާޝާ ވަނީ ބުނެފައެވެ. ނަމަވެސް އިންޑިއާ އަށް އެނބުރި އައިސް ފުރަތަމަ ފިލްމު ކުޅުމާއެކު ވެސް އަނެއްކާ ވެސް އެންމެން ފާހަގަކުރީ ހަމުގެ ކުލަ އަނދިރި ކަން ކަމުގައި އަޖްނަބީ ފިލްމުން ބޮލީވުޑަށް ނިކުތް ތަރި ބުނެފައިވެއެވެ.
ނަމަވެސް އޭނާ މިހާ ހިސާބަށް އައީ ހިތްވަރާއެކު ކުރި މަސައްކަތުން ކަމަށާއި ހަމުގެ ކުލަ އަނދިރި ވުމަކީ މައްސަލައެއް ނޫން ކަމުގައި ވެސް އޭނާ ވަނީ ބުނެފައެވެ.
އަދި ވޭތުވެދިޔަ އެކި އަހަރުތަކުގައި ތަފާތު އެކި އެކި ހަމުގެ ކުލަ އަލިކުރާ އުފެއްދުންތަކާއި ބްރޭންޑުތަކުން އަގުބޮޑު އޮފާތައް ލިބުނު ކަމަށާއި ނަމަވެސް އޭނާއަށް ލާރިއަށް ވުރެ މުހިންމީ އޭނާގެ ގަބޫލުކުރުންތައް ކަން ބިޕާޝާ ވަނީ ފާހަގަކޮށްފައެވެ.
ހަމައެހެންމެ ފެއާ އެންޑް ލަވްލީ ފަދައިން އެހެން ބްރޭންޑުތަކުން ވެސް ދޮން ވުން ޕްރޮމޯޓުކުރުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލާފައެވެ.