އަދުރޭ ސަރުކާރަށް: އަޅުގަނޑު އުމުރަށް ޖަލަށްލާފައިވިޔަސް ރައީސް ޔާމީން ދޫކޮށްލަދީ
ޕީއެންސީގެ ރައީސް އަބުދުއްރަހީމް އަބްދުالله ، އަދުރޭ އުމުރަށް ޖަލަށް ލައިފައިވިޔަސް ރައީސް ޔާމީން ދޫކޮށްލަދިނުމަށް ޕީއެންސީގެ ރައީސް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.
މިއަދު އިދިކޮޅުން ބޭއްވި "މަގޭ ފްލެޓް ކޮބާ؟" މުޒާހަރާގައި ވާހަަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކޮށްފައިވާ ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވެސް ފުރާވަޑައިގަތީ އެބޭފުޅާއާ ޒިންމާ ވާނެ މީހަކު އައްޔަން ކޮށްފައި ކަމަށެވެ. އަދި އެގޮތަށް ކަންތައް ކުރެވޭ ކަމުގައި ވާނަމަ އޭނާ ޖަލުގައި މުޅި އުމުރަށް ބޭއްވުމަށްފަހު ރައީސް ޔާމީން ދޫކޮށްލުމަށް އަދުރޭ ވަނީ ގޮވާލައިފައެވެ.
ޓޫރިޒަމް މިނިސްޓަރަކަށް ހުންނަވައި އެ ތަނުގެ ގިނަ އަދަދެއްގެ މުވަައްޒަފުންނަށް ޖިންސީ ގޯނާކުރި ކަމުގެ ދައުވާ އުފުލައި ޝަރީއަތް ފަށާފައިވާ އަލީ ވަހީދަށް ޖާމިނުވީ އޭނާގެ ގާތް އެކުވެރިޔާ، ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައްސަދު އަލީ ކަަމަށް ބައެއް މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
މީގެ އިތުރުން އަދުރޭ ވިދާޅުވީ މިއަދުގެ މުޒާހަރާގެ ތެރެއިން އެކި ފިކުރުގެ ދިވެހި ރައްޔިތުން ފެނިގެން ދިޔަ ކަމަށެވެ. އަދި ރައްޔިތުން މިހާރު ދައްކަވަމުން އެދަނީ ހިތުގައި ހުރި ހިތްހަަމަ ނުޖެހުން ކަމަށް ވެސް އަދުރޭ ފާހަގަ ކުރެއްވިއެވެ.
އަދުރޭ ވިދާޅުވީ ރައްޔިތުން ދެކެ ލޯބިވާ ވެރިއަކު އިމާރާތް ކުރައްވާފައިވާ ފްލެޓްތަކުން މި ސަރުކާރުން ވައްކަން ކޮށްފައިވާ ކަމަށެވެ. އަދި މި ސަރުކާރު ޒިންމާދާރު ކުރެވޭނީ ރައްޔިތުން މަގުމައްޗަށް ނުކުމެގެން ކަން ފާހަގަ ކުރައްވަމުން ،މި ސަރުކާރަކީ ބީރު، މަންމަން އަދި ލޮލުގައި ފުސްކަމެއް ހުރި ސަރުކާރެއްގެ ގޮތުގައި އަދުރޭ ސިފަ ކުރެއްވިއެވެ
އަދުރޭ ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުއާ ގާނޫނު އަރާ ހަމަކުރާނެ ކަމަށާއި އަދި ރައްޔިތުންގެ ހަރަކާތްތައް ނުހުއްޓުވޭނެ ކަމަށެވެ.
އިދިކޮޅުން މިއަދު "މަގޭ ފްލެޓް ކޮބާ؟"ގެ ނަމުގައި ބޭއްވި އިހުތިޖާޖުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވެފައިވާ ކަން ފާހަގަ ކުރެވެއެވެ.