"އަހަރެމެންގެ ހައްގު ވަނީ އިސްލާމް ދީނުން ކަށަވަރުކޮށްދީފައި"
އަހަރެމެންގެ ހައްގު ވަނީ އިސްލާމް ދީނުން ކަށަވަރުކޮށްދީފައި ކަމަށް އަލީ ރަމީޒު ވިދާޅުވެއްޖެއެވެ.
އަލީ ރަމީޒު މިހެން ވިދާޅުވީ އަންހެނުންގެ ހައްގުތައް ދިފާއުކޮށް "އުތެމަ" ޖަމިއްޔާ އިން ނެރުނު ރިޕޯޓަކާ ގުޅިގެން އެ ޖަމިއްޔާ ވެސް އުވާލަން ބައެއް ދިވެހިން ގޮވާލަމުން ދަނިކޮށެވެ.
އުތެމަ ޖަމިއްޔާ އުވާލަން ގޮވާލާފައިވަނީ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް(އެމްޑީއެން) އިން ނެރުނު ދީނާ ނުގުޅޭ ރިޕޯޓު ދިފާއުކޮށް ވާހަކަ ދެއްކުމާ ގުޅިގެންނެވެ. އަދި އެ ޖަމިއްޔާއިން ނެރުނު ރިޕޯޓުގައި ވެސް ދީނާ ނުގުޅޭ ވާހަކަތައް ހިމަނާފައިވާ ކަމަށް ބުނެއެވެ.
ބޭންއުތެމަ ހޭޝްޓެގް ބޭނުން ކުރައްވައި އަލީ ރަމީޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަހަރެމެންގެ ހައްގު ވަނީ އިސްލާމް ދީނުން ކަށަވަރުކޮށްދީފައި ކަމަށެވެ.
"Aharenge haggu vanee islaam dheenun kashavaru kohdheefai" #BanUthema
— Ali Rameez (@aliramyz) June 28, 2020
އުތަމަ ޖަމިއްޔާއިން ނެރުނު ރިޕޯޓެއްގައި އިސްލާމް ދީނާ ހިލާފު ބައެއް ވާހަކަތައް ހިމަނާފައިވާ ކަމަށް ފާހަގަ ކުރެވިފައިވާތީ އެ ރިޕޯޓްގެ މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސަލަފް ޖަމިއްޔާއިން މިއަދު ވަނީ ގޮވާލާފައެވެ.
ސަލަފް ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ވަނީ، އުތެމަ އިން އދ. ގެ ސީޑޯ ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓެއްގައި އިސްލާމް ދީނުގެ އަސާސްތަކަށް ފާޑު ކިޔާފައިވާ ކަމަށާއި އިސްލާމް ދީނުގެ ސައްހަ މައުލޫމާތު އޮޅޭ ބައެއް ވާހަކަތައް ހިމަނާފައިވާ ކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.