ސަފާރީ ރޭޕްގެ މައްސަލަ ބަލަން ފަށަން ވާނީ އަނިޔާ ލިބުނު މީހާގެ ވާހަކަ ގަބޫލުކޮށްގެން: އީވާ
ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕްކުރި މައްސަލައެއްގައި ކުށުގެ ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ދޫކޮށްލި މައްސަލަ ތަހުގީގު ކުރަން ފަށަން ވާނީ ވެސް އަނިޔާ ލިބުނު މީހާގެ ވާހަކަ ގަބޫލުކޮށްގެން ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އެ މައްސަލައިގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ ކަމަށް ދެކެވޭތީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ހުށަހެޅުއްވި ކުއްލި މައްސަލައަށް ބަހުސް ކުރައްވަމުން އީވާ ވިދާޅުވީ މި މައްސަލަ އިންސާފުވެރިކަމާއެކު ހާމަކަން ބޮޑު ގޮތެއްގައި ބަލަން މަޖިލީހުގެ މެމްބަރުން ބޭނުންވާ ކަމަށެވެ.
އީވާ ވިދާޅުވީ، މި މައްސަލައިން ފާހަގަކުރެވޭ އެންމެ ބޮޑު މައްސަލައަކީ އަންހެނުންނަށް ރައްކާތެރިކަން ނެތުމާ އަދުލު އިންސާފުގެ ނިޒާމުން އަންހެނުނަށް ރައްކާތެރިކަން ފޯރުކޮށް ނުދެވުން ކަމަށެވެ. ދެވަނަ މައްސަލައަކީ ބޮޑެތި މީހުން އިންސާފުގެ ކުރި މައްޗަށް ނުގެންދެވޭ މައްސަލަކަމަށް އީވާ ވިދާޅުވި އެވެ.
"އެއީ ފުލުސް އޮފީހުން ކަމަށް ވިޔަސް، ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުން ކަމަށްވިޔަސް، ކޯޓުން ވިޔަސް، މަޖިލިހުން ވިޔަސް އަނިޔާގެ ޝިކާރައަކަށްވި އަންހެން މީހާގެ ވާހަކަ ގަބޫލުކޮށްގެން މައްސަލަ ބަލަން ފަށަން ޖެހޭނީ ވެސް، އިންސާފު ލިބެންދެން، ހަގީގަތް އެނގެން ދެން،" އީވާ ވިދާޅުވި އެވެ.
އީވާ ވިދާާޅުވީ ޖިންސީ ގޯނާތަކުގެ މައްސަލަތަކުގައި މާ ގިނަ ހެކިން ނުތިބޭނެ ކަމަށާއި ހެކި ނެތް ކަމަށް ބުނެ ތުހުމަތު ކުރެވޭ މީހުން ދޫކޮށްގެން ނުވާނެ ކަމަށެވެ.