ޚަބަރު

ރައީސް ޔާމީންގެ މައްޗަށް ކުރަނީ ހަގީގަތެއް ނެތް ސިޔާސީ ދައުވާއެއް: އިދިކޮޅު

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރަނީ ހަގީގަތެއް ނެތް ސިޔާސީ ދައުވާއެއް ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

Ads by MWSC

ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާ އަށް އުފުލައި، ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ އިއްޔެ އެވެ.

ޕީޖީ އޮފީހުން ބުނީ ޔާމީންގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލީ ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރްސީ މެދުވެރިކޮށް ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށްޓަކައި ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން، މަގާމުގެ ނުފޫޒު ބޭނުންކޮށްގެން، އަހުމަދު ކްރިކް ރިޟާ ނަމަކަށް ކިޔާ މީހެއް މެދުވެރިކޮށް ރިޝްވަތުގެ ގޮތުގައި 1،117،000 ޑޮލަރު ހޯދައި، ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށްގެން އެ ފައިސާ ލޯންޑަރ ކުރުމަށްޓަކައި ފަށަލަކޮށްފައިވާ މައްސަލައާ ގުޅިގެން ކަމަށެވެ.

މިކަމާ ގުޅިގެން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރިމިނަލް ކޯޓުގައި ޕީޖީގެ ފަރާތުން ރައީސް ޔާމީނުގެ މައްޗަށް އުފުލާފައިވާ ދެ ދަޢުވާއަކީވެސް ސިޔާސީ ދެ ދަޢުވާ ކަމުގައެވެ. އަދި އެ ދެ ދަޢުވާއަކީ އެއްވެސް އަސްލެއް ހަގީގަތެއް ނެތް ދެ ދަޢުވާ ކަމުގައިވެސް އެކޯލިޝަނުން ބުނެފައިވެއެވެ.

އަދި އޭގެ އިތުރަށް ރައީސް ޔާމީނުގެ މައްޗަށް ކުއްލި ގޮތަކަށް ދަޢުވާ އުފުލުގެ ބޭނުމަކީ މިވަގުތު ޤައުމު ހިންގުމުގެ ނާޤާބިލުކަމުގެ ސަބަބުން ޤައުމުގެ އިގުތިސާދު ހަލާކުވެ އިޖުތިމާޢީ ފޭރާން ވީދިފައިވާ މި ދަނޑިވަޅުގައި، ސަރުކާރު ހުރިހާ ގޮތަކުން ފޭލިވަމުންދާތީ ކަމުގައެވެ. އަދި އެކަމުން އަރައިގަތުމުގެ ގާބިލުކަން ސަރުކާރުގަިއ ނެތުުން، ރައްޔިތުންގެ ހިތްހަމަނުޖެހުމާއި އުދާސް އިންތިހާއަށް ބޮޑުވުމުގެ ސަބަބުން، ރައްޔިތުން ފަރާތުން ކުރިމަތިވާ ސުވާލުތަކަށް ޖަވާބު ދިނުމުގައި ނުކުޅެދުންތެރިވުމާއެކު މީހުންގެ ވިސްނުމުގެ އަމާޒާއި މިސްރާބު ބަދަލުކޮށް، ސަރުކާރުގެ އެކްޓިވިސްޓުންނަށް ދައްކާނެ ވާހަކައެއް ހޯދައިދިނުމުގެ ބޭނުމުގައި ކަމަށެވެ.

އަދި ރައީސް ޔާމީނުގެ މައްޗަށް ދަޢުވާއެއް އުފުލުމާއި ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީގައި ބިދޭސީ އަންހެނަކު ރޭޕުކުރި މައްސަލާގައި، ތުހުމަތުވާ ދެމީހުން ދޫކޮށްލުމުގައި ރައީސް ސޯލިހުގެ އަތްޕުޅެއް އޮތްކަމަށް ކުރެވޭ ތުހުމަތުތަކާއި އެކަމާ ގުޅިގެން ސަރުކާރަށް އަމާޒުވާ ހިތްހަމަނުޖެހުމާ ގުޅުން ހުރުމަކީވެސް އެކަށީގެންވާ ކަމެއް ކަމުގައި އިދިކޮޅު ކޯލިޝަނުން ބުނެފައިވެއެވެ.

"މިފަހަކަށް އައިސް ރާއްޖޭގައި ބިދޭސީއަކު ރޭޕްކުރި މައްސަލައިގައި، ރޭޕް ކުރި މީހުންނަށް ދައުވާ ނުކޮށް ދޫކޮށްލުމުގައި ރައީސުލކްޖުމްހޫރިއްޔާގެ ސީދާ އަތެއްވާކަމަށް ތުޙުމަތު ކުރެވި އެކަމުގެ ހިތްހަމަނުޖެހުންވެސް ސަރުކާރަށް ކުރިމަތިވަމުންދާތީ ކަމަށްވެސް ބެލުމުގެ ފުރުޞަތު އެބައޮތެވެ." ބަޔާނުގައި ބުނެފައިވެއެވެ.

އަދި ރައީސް ޔާމީނުގެ މައްޗަށް މިހާރު ކުރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމަކީ އެހުކުމް އިއްވުމުގައި ސިޔާސީ ނުފޫޒުގެ ދައުރު އޮތް ހުކުމެއް ކަމުގައި ރާއްޖެއާއި ބޭރުގެ ފަރާތްތަކުން ގަބޫލުކުރާތީ އެކަމުގެ ސަބަބުން ސަރުކާރަށް ފިއްތުންތައް ކުރިމަތިވާތީ އެކަމުގެ ސަބަބުން ރައީސް ޔާމީން ދޫކޮށްނުލައި އިތުރު އަނިޔާ ދިނުމަށް ހިންގާ ސިޔާސީ ދަޢުވާއެއްކަން އެދައުވާއަށް ބަލައިލުމުން ވަރަށް ސާފުކޮށް އެނގޭ ކަމުގައިވެސް ކޯލިޝަނުން ބުނެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!