ޚަބަރު

ރޭޕް، ޖިންސީ ގޯނާ އަދި ފުރައްސާރައިގެ ޝިކާރައަކަށް ނުވެ އުޅުމުގެ ހައްގު ކަށަވަރުކޮށްދޭން ޖެހޭ: ޣައްސާން

ދެން އެމްވީ ، ދެން އޮންލައިން

ރޭޕް، ޖިންސީ ގޯނާ އަދި ފުރައްސާރައިގެ ޝިކާރައަކަށް ނުވެ މި ބިމުގައި އުޅުމުގެ ހައްގު ކަށަވަރުކޮށްދޭން ޖެހޭ: ކަމަށް ތ. ގުރައިދޫ ދާއިރާގެ މެމްބަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން މިހެން ވިދާޅުވީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެ، އެ މައްސަލާގައި ހައްޔަރުކުރި ދެ މީހަކު "ސިޔާސީ ނުފޫޒުން" ދޫވެފައިވާ ކަމަށް ގިނަ ބަޔަކު އަޑު އުފުލަމުން ދަނިކޮށެވެ.

"ރޭޕް، ޖިންސީ ގޯނާ އަދި ފުރައްސާރައިގެ ޝިކާރައަކަށް ނުވެ މި ދިވެހި ފަސްގަނޑުގައި ކޮންމެ މީހަކަށް ވެސް އުޅުމުގެ ހައްގު ކަށަވަރުކޮށްދޭން ޖެހޭ" ޣައްސާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

މި މައްސަލައަކީ މިހާރު އެންމެ ބޮޑުވެފައިވާ އެއް މައްސަލަ ކަމަށްވާއިރު، މައްސަލަ އެހާ ބޮޑުވެފައި ވަނީ މި މައްސަލާގައި ޝާމިލުވާ ފަރާތަކީ ރައްޔިތުން މަޖިލީހުގެ މެންބަރެއްގެ ފިރިމީހާ ކަމަށް ބުނެ ދެކެވޭ ވާހަކަތަކާއި ގުޅިގެންނާއި މި މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުން ދޫކޮށްލުމުންނެވެ.

އެ މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ އެ ސަފާރީ އިން 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ނަމަވެސް އެ މައްސަލާގައި ތަހުގީގަށް ހައްޔަރުކޮށްފައި ބެހެއްޓޭނެ އެކަށީގެންވާ ސަބަބެއް ނެތުމުން، އެ ދެމީހުން ވެސް މިހާރު ފުލުހުން ވަނީ ދޫކޮށްލާފައެވެ.

އެ ދެ މީހުން ދޫކޮށްލުމުން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވެފައިވާއިރު، މިކަމުގައި ފުލުހުންގެ އިހުމާލެއް ވޭތޯ ބެލުމަށް މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިހާރު ވަނީ ނިންމާފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!