ޚަބަރު

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް: ހެލްތު

ދެން އެމްވީ

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޮވިޑް-19 ފެތުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ 14 އަށް އިތުރު ކުރުމަށް އަންގާ ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ސޮއިކުރައްވައި މިރޭ ނެރުނު ގަރާރުގައެވެ.

އެ ގަރާރުގައި ބުނެފައިވަނީ، ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި މި ބަލި ފެތުރުމުގެ ނުރައްކާ އަދިވެސް އޮތްކަމަށާއި، 12 މާރިޗު 2020 ގައި އިޢުލާނު ކޮށްފައިވާ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތު ދެމި އޮތްކަމަށާއި، އަދި އެ ނުރައްކާ ކުޑަކޮށް، ޢާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ޤަބޫލު ކުރެވޭ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި އިއުލާންކޮށްފައިވާ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ މަހުގެ 14 ގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް 2،337 މީހަކު ފައްސި ވެފައިވާއިރު، މި ބަލީގައި އަށް މީހަކު ވަނީ ރާއްޖެ އިން މަރުވެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!