ޚަބަރު

ކުޑަކުދިންގެ ކަރާމާތަށް ގެއްލުންވާ ފޮޓޯ އަދި ވީޑިއޯ މީސް މީޑިއާގައި އާންމުކުރާނަމަ ފިޔަވަޅު އަޅާނަން: ޖެންޑާ

ކުޑަކުދިންގެ ކަރާމާތައް ގެއްލުންވާ ފަދަ މައުލޫމާތު, ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނީ ކުޑަ އަންހެން ކުއްޖަކާއި ފިރިހެން ކުއްޖެއް ގައިގޯޅިވާ މަންޒަރުތަކެއް ދައްކުވައިދޭ ވީޑިއޯއެއް ސޯޝަލް މީޑިޔާގައި އާންމުވުމާއި ގުޅިގެންނެވެ.

އެ ވީޑިއޯއާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުން ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، ކުޑަކުދިންނާ ގުޅޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރު ކުރުވުމަކީ ކުޑަކުދިންގެ މަސްލަހަތާއި އެކުދިންގެ ކަރާމާތާއި އެކުދިން ހެދި ބޮޑުވުމަށް ނޭދެވޭ އަސަރު ފޯރާނެ ކަންކަމަށްވުމުން އެފަދަ ވީޑިއޯ ދައުރު ކުރުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ، ކަމާއި ގުޅުންހުރި ފަރާތްތަކާއި ގުޅިގެން ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލަމުންދާ ކަމަށެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ހ) އަށް ރިޔާއަތް ކޮށް އެ މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނީ، ކުއްޖާ ހެދިބޮޑުވުމަށް ބޭނުންވާ ރައްކާތެރިކަމާއި އަޅާލުން، ކުއްޖާގެ ބެލެނިވެރިންގެ ފަރާތުންނާއި ކުއްޖާގެ އާއިލާގެ އަދި މުޖުތަމައުގެ ފަރާތުންނާއި، ދައުލަތުގެ ފަރާތުން ލިބުމަކީ ކޮންމެ ކުއްޖަކަށް ލިބިގެންވާ ހައްގެއް ކަމުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 33 ވަނަ މާއްދާގެ (ހ) ގައި ކުޑަކުދިންގެ ކަރާމާތަށް އުނިކަމެއް އަންނަ ގޮތަކަށް، އެ ކުދިންގެ ޒާތީ މައުލޫމާތު އެއްވެސް ފަރާތަކުން އާންމުކޮށްގެން ނުވާކަން ބަޔާކޮށްފައިވާކަން ވެސް ޖެންޑަރ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާގައި ކުޑަކުދިންގެ ހައްގުތަކަށް އުނިކަން ލިބޭ ގޮތަށް ވާހަކަދެއްކުމާއި، އެކުދިންގެ ހައްގުތަކަށް އުނިކަން ލިބޭފަދަ ކަންކަމަށް ހިއްވަރު ދިނުމަކީ މަނާކަމެއް ކަމަށް ބަޔާންކޮށްފައިވާ ކަމަށާއި، އެފަދައިން އެއްވެސް ފަރާތަކުން އަމަލުކޮށްފިނަމަ، އެކަން ތަހުގީގުކޮށް އެކަމުގެ ކުޑަ ބޮޑުމިނަށް ބަލާ، ކުޑަކުދިންގެ ކަރާމާތައް ގެއްލުންވާފަދަ މައުލޫމާތު، ފޮޓޯ އަދި ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުކުރާނަމަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރި ކުރުމުގެ ގާނޫނުގެ 53 ވަނަ މާއްދާއިން މިނިސްޓަރަށް ލިބިގެންވާ ބާރުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް ޖެންޑަރ މިނިސްޓްރީން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!