ޚަބަރު

އާސަންދައިގެ ދަށުން 28 ބަލި މީހަކު އިންޑިއާއަށް ފުރުވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

އާސަންދައިގެ ދަށުން ރޭ 28 ބަލި މީހަކު އިތުރު ފަރުވާ އަށް އިންޑިއާ އަށް ފުރުވާލާފައިވާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

Ads by MWSC

އާސަންދައިން ބުނީ 28 ބަލިމީހުންނާއެކު އެމީހުންގެ އެހީތެރިންނާއި އަދި ބަލިމީހުންގެ ސިއްހީ ކަންކަން ދަތުރުމަތީގައި ބެލެހެއްޓުމަށް ދަ ޑޮކްޓަރުންނާއި ފަސް ނަރުހުންވެސް ފުރާފައިވާ ކަމަށާއި އެ 28 ބަލި މީހުންގެ ތެރެއިން ދެ މީހުން ގެންދިޔައީ ސްޓްރެޗާގައި ކަމަށެވެ.

އާސަންދައިން ބުނީ، 37 ބަލިމީހުން ފުރުވަން ކުރިން ހަމަޖެހިފައިވީނަމަވެސް އެކި އެކި ސަބަބުތަކާހެދި ބައެއް ބަލިމީހުން މިދުވަސްވަރު ދަތުރުކުރުމަށް އުޒުރުވެރިވެފައިވާތީވެ މިރޭގެ ފްލައިޓްގައި ދަތުރުކުރަނީ 28 ބަލި މީހުން ކަމަށެވެ.

ފްލައިޓުން ދަތުރުކުރާ ހުރިހާ ފަސިންޖަރުންވެސް އިންޑިއާއަށް ދަނީ އިންޑިއާގެ ވިސާ ހަމަޖައްސާ އެ ގައުމުގެ ޕަބްލިކް ހެލްތް ގައިޑްލައިނާ އެއްގޮތަށް ކޮވިޑަށް ޓެސްޓްކޮށް ނެގެޓިވް ނަތީޖާއާއެކުގައި ކަމަށާއި އިންޑިއާއިންވެސް އެ ފަސިންޖަރުން ކޮވިޑަށް ޓެސްޓު ކުރާނެ ކަމަށް އާސަންދައިން ބުނެއެވެ. އަދި އެ ގައުމުގަ 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަންޖެހޭނެ ކަމަށާއި އެ 14 ދުވަސް ފަހުން އަނެއްކާވެސް ކޮވިޑް19 އަށް ޓެސްޓު ކުރާނެ ކަމަށްވެސް އާސަންދައިން ބުނެއެވެ.

މި އެންމެނަށްވެސް ފަރުވާ ހަމަޖެހިފައިވަނީ އަމްރީތާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް އެންޑް ރިސަރޗް ސެންޓާ (އެއިމްސް) އިންނެވެ. ކަރަންޓީނުގައި ތިބޭނީވެސް އެތަނުގެ އެކޮމޮޑޭޝަން ބްލޮކެއްގައި ކަމަށާއި އެ މުއްދަތުގައިވެސް އެމީހުންގެ ފަރުވާކުރިއަށް ގެންދެވޭނެ ކަމަށް އާސަންދައިން ބުންޏެވެ.

މިރޭ ބަލިމީހުން ގޮވައިގެން ދާ ފްލައިޓު އެނބުރި އަންނާނީ އިންޑިއާއަށް ފަރުވާ އަށް ގޮސް ނާދެވި ތިބި ހަތް ދިވެހިން މީހުން ގޮވައިގެން ކަމަށްވެސް އާސަންދައިން ބުންޏެވެ.

"ބަލި މީހުން އިންޑިއާއަށް ފޮނުވުމަށް ދަތުރުގެ އެންމެހާ ކަންކަން ހަމަޖެއްސުމަށާއި ހޯދަންޖެހޭ ހުއްދަތައް ހޯދުމަށް އިންޑިއާ ސަރުކާރާ ގުޅިގެން ރައީސުލް ޖުމްހޫރިއްޔާގެ ސީދާ ބެއްލެވުމުގެ ދަށުން ރައީސް އޮފީހާއި، ފޮރިން މިނިސްޓްރީއާއި އިންޑިއާގައި ހުންނަ ދިވެހި ކޮންސިއުލޭޓުން ކޮށްދެއްވި ބުރަ މަސައްކަތްތައް ފާހަގަކޮށް އާސަންދައިގެން ފަރާތުން އިޚްލާސްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ." އާސަންދައިން މިކަމާ ގުޅޭ ގޮތުން ނެރުނު ބަޔާނުގައި ބުންޏެވެ.

އާސަންދައިގެ ދަށުން އިންޑިއާއަށް ދެވަނަ ފްލައިޓެއްގައި ދާން 50 އަށްވުރެ ގިނަ ބަލިމީހުން މިހާރުވެސް ވަނީ ލިސްޓުކުރެވިފައެވެ. މީގެ ތެރެއިންވެސް އެންމެ ކްރިޓިކަލް ބަލިމީހުން ފަރުވާއަށް ފޮނުވުމަށްޓަކާ ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!