ޚަބަރު

މަޖިލީހަކީ މަސް ކައްކާ ތަނެއް ނޫން، ނެތް ބާރެއް ނުނަގަން: ނަޝީދު

ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން އަމަލުކުރާ ކަމަށް ކުރާ ތުހުމަތުތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.

ނަޝީދު މިހެން ވިދާޅުވީ ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައިނުވާ ކަމަށް ބުނެ އެ އެސޯސިއޭޝަނާ ދޭތެރޭ ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައިދިނުމަށް އެދި، މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ އަށް ބަހުސް ކުރައްވަމުންނެވެ.

އެ ބަހުސްގައި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހަޅައިފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހަކީ ތަހުގީގުކުރާ އިދާރާއަކަށް މިއަދު ބަދަލު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަރީފްގެ ވާހަކަތަކަށް ރައްދު ދެވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހަކީ "މަސް ކައްކާ ތަނެއް ނޫން" ކަމަށާއި މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި ހިމަނާފައިވާ ކަންކަމަކީ ގާނޫނު އަސާސީއާއި ގާނޫނުތަކާއި މަޖިލީހުގެ ގަވާއިދުގައި މަޖިލީހަށް މަތިކޮށްފައިވާ ކަންކަން ކަމަށެވެ.

"މިއީ ދިވެހިރާއްޖޭގައި ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވާތަން. ދިވެހި ދައުލަތުގެ އެހެން މުއައްސަސާތައް ވެސް ޖަވާބުދާރީ ކުރުވާ ތަން. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މިގޭގައި ކުރާ ކަންތައްތައް ބަޔާން ކޮށްފައިވާނެ. މިތަނަށް ހުށަހެޅޭ މައްސަލަތަކާއި މިތަނަށް ހުށަހެޅޭ ގަރާރުތަކަކީ މިތަނުގެ ގަވައިދުތަކާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅޭ ތަކެތި ކަމުގައި ދަންނަވަން،" ނަޝީދު ވިދާޅުވި އެވެ.

މަޖިލީހާ ގުޅުން ނެތް ކަންކަމުގެ ތެރެއަށް މަޖިލީހުން ވަންނަ ކަމަށް ބުނެ އާންމުންގެ ފާޑު ކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. އެގޮތުން ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ މަޖިލީހާއި މަޖިލީހުގެ ކޮމިޓީތަކުން ތަހުގީގީ ގޮތަކަށް ބަލަން އުޅޭ ކަމަށް ބައެއް މެމްބަރުން ދަނީ ވިދާޅުވަމުންނެވެ.

އެގޮތުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް ރޭ ވިދާޅުވީ މަޖިލީހަކީ ތަހްގީގީ އިދާރާއެއް ނޫން ކަމަށާއި މިނިވަން މުއައްސަސާތައް އުފެއްދުމުގެ ބޭނުމަކީ މިކަހަލަ މައްސަލަތައް ބެލުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!