ޚަބަރު

އާޒިމް، މަހްލޫފަށް: ގާނޫނުގައި ބުނެފައި ވާ ގޮތަށް އަމަލު ނުކުރާ ނަމަ ވަޒީރެއް ހުރުމުގެ ބޭނުމެއް ނެތް!

ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައިނުވާތީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފަށް ފާޑުވިދާޅުވެއްޖެއެވެ.

ކުޅިވަރު ގާނޫނާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައިނުވާތީވެ، އެ އެސޯސިއޭޝަނާ ދޭތެރޭ ގާނޫނުގައިވާ ގޮތުން ފިޔަވަޅު އަޅައިދިނުމަށް އެދި، އާޒިމް ވަނީ މިއަދު މަޖިލީހަށް ގަރާރެއް ހުށަހަޅާފައެވެ.

އާޒިމް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ އެފްއޭއެމްގެ ހިންގާ ގަވާއިދާއި، ދިވެހި ކުޅިވަރު ގާނޫނާ އަދި ފުޓްބޯޅައިގެ މައި ޖަމިއްޔާ ފީފާގެ ހިންގާ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ސްޕޯޓްސް މިނިސްޓްރީ އަށް އެންގުމަށާއި އަދި އެ އެންމެހާ ކަންކަމަށް އަމަލުކުރުމަށް ފަހު މެނުވީ އެފްއޭއެމްގެ އިންތިހާބު ނުބޭއްވުމަށް އެންގުމަށާއި އަދި ވަގުތުން ވަގުތަށް މިކަންކަން ބަލައި އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށެވެ.

މައްސަލައަށް ވާހަކަ ދައްކަވަމުން އާޒިމް ވިދާޅުވީ ފުޓްބޯޅަ އެސޯސިއޭޝަނާއި މެދު ފިޔަވަޅު ނާޅާ އޮތުމުން މިނިސްޓަރު މަހުލޫފާއި މެދު އިތުބާރެއް ނެތް ކަމަށެވެ. އަދި ގާނޫނުގައި ކަންކުރަންވީ ގޮތް ބަޔާންކޮށްފައި އޮތް އިރު އެގޮތަށް އަމަލު ނުކުރާނަމަ ވަޒީރެއް ހުރުމުގެ ބޭނުމެއް ނެތް ކަމަށް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ވަޒީރުގެ އިރުޝާދަށް އަމަލުނުކުރާނަމަ ފިޔަވަޅު އަޅަންޖެހޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި އާޒިމް ވަނީ ޤާނޫނުގައި ބުނެފައިވާ ގޮތަށް ފުޓްބޯޅަ އެސޯސިއޭޝަނާއި މެދު ފިޔަވަޅު އެޅުމަށް މިނިސްޓަރު މަހުލޫފަށް ގޮވާލާފައެވެ.

މިނިސްޓަރު އަހުމަދު މަހުލޫފު ވަނީ، މީގެ ކުރިން އެފްއޭއެމްގެ މައްސަލަތަކެއް ބަލަން މަސައްކަތްކުރައްވާފަ އެވެ. އެގޮތުން މި ސަރުކާރު، ވެރިކަމާ ހަވާލުވިތާ ކައިރީގައި ޔޫތް މިނިސްޓްރީން، އޭއެފްސީ ކަޕުން ރާއްޖޭގެ ކްލަބްތަކަށް ފުރުސަތު ނުލިބުނު މައްސަލަ ބަލަން ކޮމިޓީއެއް އެކުލަވާލި އެވެ. ނަމަވެސް އެފްއޭއެމްގެ ތެރެއަށް ތިން ވަނަ ފަރާތަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށް އޭއެފްސީން އެންގުމުން، މިނިސްޓްރީން އެ މަސައްކަތް ހުއްޓާލީ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!