ނިކީ މިނާޖްގެ ބައްޕަ މަރުވެއްޖެ

އެމެރިކާގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ނިކީ މިނާޖްގެ ބައްޕަ މަރުވެއްޖެއެވެ. ނިކީގެ ބައްޕަ ރޮބާޓް މިނާޖު މަރުވިއިރު އުމުރަކީ 64 އަހަރެވެ.
ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި ރޮބަޓު މަރުވީ ބަޔަކު ގަސްތުގައި ކާރަކުން ޖައްސައި އެކްސިޑެންޓު ކޮށްލުމުންނެވެ.
އެގޮތުން ރޮބަޓު ހިނގާފައި ދަނިކޮށް އެމީހާ ގޮސް ރޮބަޓު ގައިގައި ކާރުން ޖެއްސުމަށް ފަހު ވަނީ ފިލާފައެވެ. މި އެކްސިޑެންޓުގައި އޭނާއަށް ގިނަ އަނިޔާތަކެއް ލިބި، ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ހާލު ވަރަށް ސީރިއަސް އެވެ.
ނިކީގެ ބައްޕަ މަރުވުމާ ގުޅިގެން ނިކީ މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ.
ނިކީ މިނާޖަކީ އެތައް މިލިއަން އަލްބަމްތައް ވިއްކައި، 10 ގުރެމީ އެވޯޑަށް ނޮމިނޭޓުވެ އެމްޓީވީ ވީޑިއޯ މިޔުޒިކުގެ 5 އެވޯޑު ކާމިޔާބު ކޮށްފައިވާ ފަންނާނެކެވެ. މިޔުޒިކްގެ އިތުރުން އެކްޓު ކުރުމުގެ ދާއިރާއަށް ބަލާލާއިރު ނިކީ މިނާޖް ވަނީ 3 ފިލްމެއްގެ މަސައްކަތް ވެސް ކޮށްފައެވެ.