ޚަބަރު

ސަފާރީ ރޭޕް: ފުލުހުން އަމަލުކުރިގޮތް ޕްރޮފެޝަނަލް ސްޓޭންޑާޑް ކޮމާންޑުން ބަލަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލެ ފަޅުގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކުރި މައްސަލަ ހޫނުވެފައި ވަނިކޮށް އެ މައްސަލާގައި ފުލުހުން ކަންކުރި ގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ވެސް ތަޙްޤީޤު ކުރަން ފަށައިފިއެވެ.

މިމަހުގެ 25 ވަނަ ދުވަހުގެރޭ ހުޅުމާލެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ރާއްޖޭގައި މަސައްކަތްކުރާ 27 އަހަރުގެ ބިދޭސީ އަންހެނަކަށް ގަދަކަމުން ޖިންސީ ގޯނާކުރި މައްސަލައެއްގައި ކުށުގެ ވެށިން ފުލުހުންގެ ބެލުމުގެ ދަށަށް 39 އަހަރުގެ ދިވެހި 2 ފިރިހެނުން ގެނެސްފައި ވެއެވެ. ނަމަވެސް އެވަގުތާ ހަމައަށް ލިބިފައިހުރި މަޢުލޫމާތައް ބަލާއިރު އެމީހުން ބަންދުގައި ބައިތިއްބައިގެން ތަހުގީގަށް ކުރިއަށް ގެންދިއުމަށް ނުފެންނާތީ ކަމަށް ބުނެ ފުލުހުން އެ 2 މީހުން ވަނީ ބަންދުން ދޫކޮށްލާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ފުލުހުން ޢަމަލުކޮށްފައި ވާގޮތް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑާއި، ނެޝެނަލް އިންޓަގްރިޓީ ކޮމިޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރްސީއެމުން ތަހުގީގުކުރަމުންދާކަމަށެވެ.

އަދި ކޮންމެ ފުލުހަކީވެސް ނުފޫޒުން އެއްކިބާވެތިބެ މިނިވަންކަމާއިއެކު މަޤާމުގެ މަސްއޫލިއްޔަތު އަދާކުރާ ބަޔަކަށްވުމަކީ އަބަދުވެސް ތާޢީދުކޮށް ބާރުއަޅުއްވާ ކަމެއްކަމުގައި ސީޕީ ޙަމީދު ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!