ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ ގެ ޝޫޓިންގ އަލުން ފަށައިފި
މަޝްހޫރު ހިންދީ ޑްރާމާ ސީރީސް، ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ ގެ ޕްރޮޑަކްޝަންގެ މަސައްކަތް 3 މަސް ދުވަހަށްފަހު ފަށައިގަނެފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން އިންޑިއާގައި ފިލްމް، ސީރީސް އަދި އިޝްތިހާރުތަކުގެ މަސައްކަތް ވަނީ މާރޗް 19 އިން ފެށިގެން ހުއްޓިފައެވެ.
މިދިޔަ ހުކުރު ދުވަހު، ނާއިރާ އަދި ކާރތިކްގެ ބައި ކުޅޭ ޝިވާންގީ ޖޯޝީ އަދި މޮހްސިން ޚާން ވަނީ ލޮކްޑައުންއަށްފަހު އެމީހުންގެ ފުރަތަމަ ސީން ކުޅެ ނިންމާފައެވެ. މި ސީރީސްގެ ޕްރޮޑަކްޝަން ކުންފުނިން ވަނީ ޝޫޓިންގ ތެރޭގައި ކާސްޓް އަދި އެހެނިހެން މަސައްކަތްތެރިންގެ ސަލާމަތަށްޓަކައި ގިނަގުނަ ފިޔަވަޅުތަކެއް އަޅާފައެވެ. ހަމައެހެންމެ ޝޫޓިން ކުރިއަށް ދަނީ ޕްރޮޑިއުސަރ ރަޖަން ޝާހީގެ ސީދާ ބެލުމުގެ ދަށުން އޭނާގެ ވެސް ހާޒިރުގައެވެ.
މީގެ ދުވަސްކޮޅެއްކުރިން، ޝިވާންގީ ޖޯޝީ ޝޯ ދޫކޮށްލަނީ ކަމަށްބުނެ ގިނަ ޚަބަރުތަކެއް ފެތުރިގެން ދިޔައެވެ. އޭނާގެ ބަދަލުގައި އެހެން ތަރިއެއް ނާއިރާގެ ބައި ކުޅެން ހަމަޖެހިފައިވާ ކަމަށް ވާހަކަ ފެތުރެމުން ދިޔުމުން ޝޯ ބަލަމުންދާ ގިނަ ސަޕޯޓަރުންނެއް ހިތްހަމަނުޖެހުން ފާޅުކުރިއެވެ. މިކަމާ ގުޅިގެން ޝިވާންގީ ވަނީ ޝޯ ދޫކޮށްލަން ޚިޔާލު ނުކުރާކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދީފައެވެ.
ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ އަކީ އިންޑިއާ ގެ ޓީވީ ސީރީސްތަކުގެ ތެރެއިން އެންމެ ގިނަ ދުވަހު ދައްކާފައިވާ އެއް ޝޯ އެވެ. މި ޝޯގެ 3000 އެޕިސޯޑް ކާމިޔާބު ކަމާއެކު ނިންމާފައިވެއެވެ. އަދިވެސް މީހުންގެ ތެރޭގައި އެންމެ މަގުބޫލް އެއް ޝޯ އަކީ މިއީ އެވެ.