ޚަބަރު

ފަށް ކަނޑަން ވެގެން ކައިވެނި ކުރި މީހަކު ވަރި ނުކުރުމުން މަރުގެ އިންޒާރު ދީފި

ގއ. ކޮލަމާފުށީގައި ފަށް ކެނޑުމުގެ ނިޔަތުގައި ހާއްސަ އެހީއަށް ބޭނުންވާ މީހަކާ ކައިވެނި ކުރުމަށް ފަހު، އެ މީހާ ވަރި ނުކުރުމުން މަރުގެ އިންޒާރު ދީފިއެވެ.

ކޮލަމާފުށި މީހަކާ ހަވާލާދީ "ވަގުތު" ނޫހުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި ތިން ފަހަރަށް ވަރިވެ، ފަށް ކަނޑަން ޖެހިފައި ހުރި އަންހެނަކު ހަމައެކަނި ފަށް ކެނޑުމުގެ ބޭނުމުގައި ހާއްސަ އެހީއަށް ބޭނުންވާ ފިރިހެނަކާ ކައިވެނިކޮށްފައިވާ ކަމަށެވެ. ނަމަވެސް ހާއްސަ އެހީއަށް ބޭނުންވާ މީހާ، އެ އަންހެން މީހާ ވަރި ނުކުރުމުން، އަންހެން މީހާގެ ކުރީގެ ފިރިމީހާ، ހާއްސަ އެހީއަށް ބޭނުންވާ މީހާ އަށް މަރުގެ އިންޒާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރޭ އެމީހާ މަރާލަން މަސައްކަތް ކުރި ކަން ވެސް އެ ރަށުން މައުލޫމާތު ދިން މީހާ ބުންޏެވެ.

މި މައްސަލާގައި ފުލުހުން ބުނީ ކޮލަމާފުށީގައި މީހަކަށް މަރުގެ އިންޒާރު ދިން މައްސަލައެއް ހުށަހަޅާފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށްފަހު، މައްސަލައިގެ ނުރައްކާ އޮތް މިންވަރު ވަޒަންކޮށް، މައްސަލަ ޖެހުނު ދެފަރާތާ ވެސް ވާހަކަ ދައްކައި އެކަން ހައްލުކޮށްފައިވާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!