ޚަބަރު

ހޯރަފުށީގައި އަންހެން ކުއްޖަކު ރޭޕް ކުރަން އުޅުނު ވާހަކަ އަކީ ހަގީގަތެއް ނޫން!

ދެން އެމްވީ ، ދެން އޮންލައިން

ހއ. ހޯރަފުށީގައި އަންހެން ކުއްޖަކު ގެއަކަށް ގެންގޮސް ގަދަކަމުން ރޭޕް ކުރަން އުޅުނު ކަމަށް ރަށުތެރޭގައި ދެކެވެމުންދާ ކަމަށް ބުނާ މައްސަލަ އެރަށު ކައުންސިލުން ދޮގު ކޮށްފިއެވެ.

ހޯރަފުށީ ކައުންސިލުގެ ނައިބު ރައީސް އިބްރާހިމް ޝާކިރު "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެކަހަލަ ކަމެއް ހިނގިކަމުގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި ރަށު ތެރޭގައި ވެސް އެފަދަ ވާހަކައެއް ދެކެވިފައިވާ އަޑެއް އިވިފައި ނުވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް ވެސް ތިކަހަލަ ވާހަކައެއް އިވިފައިވަނީ ނޫހެއްގައި ތިހެން ލިޔެފައިވާކަން. ތިކަހަލަ ކަމެއް ވިކަން އެނގިފައެއް ނުތް އަދި ރަށު ތެރޭގައި ވެސް ތިފަދަ ވާހަކައެއް ނުދައްކާ" ކައުންސިލުގެ ނައިބު ރައީސް ވިދާލުވިއެވެ.

މިމަހުގެ 28 ވަނަ ދުވަހުގެ ރޭ މިފަދަ މައްސަލައެއް ކުރިމަތިވެފައިވާ ކަމަށް މައުލޫމާތު ލިބިފައިވާތީ، ފުލުހުން މިފަދަ މައްސަލައެއް ބަލަމުން ގެންދޭތޯ އޮޅުން ފިލުވާލުމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ މިއީ ހިނގާފައިވާ ކަމެއް ކަމަށް ނުބެލެވޭ ކަމަށެވެ.

"ރަށުތެރޭގައި އެފަދަ ވާހަކަތަކެއް ދެކެވޭތީ ފުލުހުން ވަނީ އެކަމާއި ގުޅިގެން ސުވާލު ކުރަން ޖެހޭ ފަރާތްތަކާއި ސުވާލުކޮށް ބަލަންް ޖެހޭ ކަންކަން ބަލާފަ. މިހާތަނަށް ބެލި ބެލުމުން އެއީ ހިގާފައިވާ ކަމެއް ކަމަކަށް ނުބެލެވޭ." ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވެފައިވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!