ޚަބަރު

ޖިންސީ ގޯނާގެ އިތުރު ކޭސްއެއް ނުހިނގާނެ ކަމުގެ ޔަގީންކަންދީ، އިސްތިއުފާ ދޭނަން: ޝިދާތާ

ދެން އެމްވީ ، ދެން އޮންލައިން

ޖިންސީ ގޯނާގެ އިތުރު ކޭސްއެއް ނުހިނގާނެ ކަމުގެ ޔަގީންކަންދީފިނަމަ މިހާރުވެސް މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

Ads by STELCO

ޝިދާތާ މިހެން ވިދާޅުވީ ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި މިއަދު ހަވީރު ކުރި ސުލްހަވެރި އެއްވުން ކުރިއަށްދިޔަ ސަރަހައްދަށް ވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ. މިނިސްޓަރު ޝިދާތާ އެ ސަރަހައްދަށް ވަޑައިގަތުމާއެކު އާންމުން ވަނީ އެކަމަނާގެ އިސްތިއުފާ އަށް ގޮވަން ފަށާފައެވެ.

މަގާމުން އިސްތިއުފާ ދެއްވާނަންތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޝިދާތާ ވިދާޅުވީ ދެން އެއްވެސް ކުއްޖެއްގެ ޖިންސީ ގޯނާގެ އިތުރު މައްސަލައެއް ނާންނާނެ ކަމުގެ ޔަގީންކަން އޮވެއްޖެނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.

"އަޅުގަނޑު އިސްތިއުފާދޭނަން މިވަގުތު އަޅުގަނޑު އިސްތިއުފާދީގެން ދެން އެއްވެސް ކުއްޖެއްގެ ސެކްޝުއަލް އެބިއުސް މައްސަލައެއް ނާންނާނެކަމުގެ ޔަޤީންކަން އޮވެއްޖެއްޔާ" ޝިދާތާ ވިދާޅުވިއެވެ.

ޝިދާތާ ވިދާޅުވީ އޭނާ އަށް އެންމެ މުހިއްމު ކަމަކީ ރާއްޖޭގައި ކުޑަކުދިންނަށް ދެވޭ އަނިޔާ ހުއްޓުމަކަށް ގެނައުން ކަމަށާއި އެގޮތުން އެކަމާ ގުޅިގެން ފަންނީ މުވައްޒަފުން ވެސް އިތުރުކުރަމުންދާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރެއްގެ ޖެންޑާ މިނިސްޓްރީން މަސައްކަތް ނުކުރާ ވަރަށް މި ސަރުކާރުގެ ޖެންޑާ މިނިސްޓްރީން މަސައްކަތް ކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އަދި މިފަދަ މައްސަލަތަކާ ގުޅިގެން އާންމުންގެ ރުޅިވެރިކަން އިހުސާސް ކުރެވޭ ކަމަށާއި އަދި މިފަދަ ކަންކަމާ ގުޅޭ ގޮތުން މީހުންގެ އިހުސާސްތައް ހާމަކުރަމުންދާކަމީ ލިބޭ އުފަލެއް ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ.

ޖިންސީ ގޯނާއާ ދެކޮޅަށް އެއްވުމެއް މިއަދު ބާއްވާފައިމިވަނީ ދެކުނުގެ ރަށެއްގައި ދެއަހަރުގެ ކުއްޖަކު ރޭޕް ކުރި މައްސަލައެއް ރޭ ފެންމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އެ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރި މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން މި މައްސަލާގައި އެ ކުއްޖާއާ މެދު ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު ދެ ފިރިހެނަކަށް ކުރެވޭ ކަމަށާއި އެ ދެ މީހުންވެސް މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!