ޚަބަރު

ރަށްރަށުގައި ވެސް ބޯހިޔާ ވަހިކަމުގެ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުން: އަސްލަމް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ފޮޓޯ: ވަން އޮންލައިން

ރަށްރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ ޚިޔާލު ސަރުކާރުން ނުގެންގުޅޭ ކަމަށާއި، އެފަދަ މަޝްރޫއުތައް ހިންގޭނީ ވިޔަފާރި އުސޫލުން ކަމުގައި ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުން މަޖިލީހުގެ މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަސްލަމް ވިދާޅުވީ ރަށްރަށުގައި ބިންތައް ކުއްޔަށްދީ، ފައިސާ ހޯދައިގެން މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވިސްނަވާ ކަމަށާ، މިކަން ކުރާނީ އެރަށެއްގެ ކައުންސިލުތަކުން އެރަށެއްގެ ބިން ވިއްކައިގެން ލިބޭ ފައިސާއިން ކަމަށެވެ.

މީގެ އިތުރުން މި މަސައްކަތް ކުރާނީ ރަށު ކައުންސިލާއި، ބޭންކުތަކުގެ އިތުރުން ހައުސިންގެ ވިޔަފާރިތަކުގެ ބައިވެރިވުން ހިމަނައިގެން ކަމަށް ވެސް އަސްލަމް ވިދާޅުވިއެވެ. އަދި އެފައިސާތައް ކައުންސިލްތަކުން ސީޑް މަނީގެ ގޮތުގައި ބޭނުންކޮށް، ބޭންކަކަށް ލޯނެއްގެ ގޮތުގައި ބޭނުން ކުރަން ވިޔަސް އިކުއިޓީިގެ ގޮތުގައި ބޭނުން ކުރެވޭނެ ކަމުގައި ވެސް އަސްލަމް ފާހަގަ ކުރެއްވިއެވެ.

ހަމައެއާއެކު އަސްލަމް އިތުރަށް ފާހަގަ ކުރެއްވީ، ސަރުކާރުން ލޯނު ނެގުމަށް ފަހު ގެދޮރު އަޅައި، އެކަަމަށް ހޭދަކުރާ ޚަރަދު ނުލިބޭނެ ގޮތަކަށް ބޯހިޔާވަހިކަމުގެ ނިޒާމް ކުރިއަށް ގެންދިއުމަކީ ދެމެހެއްޓެނިވި ގޮތެއް ނޫން ކަމަށާ، ރާއްޖޭގެ ރަށްތަކުގެ ތެރެއިން، މީހުން ދިރިއުޅޭ ރަށް ރަަށުގެ ބިމުގެ 33 އިންސައްތަ 50 އަހަރާއި 99 އަހަރާ ދެމެދުގެ މުއްދަތަކަށް ކުއްޔަށް ދޭން ހުއްދަ ދިނުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!