މުނިފޫހިފިލުވުން

އެލީޒްގެ ރައްދު ފާޒިލް އަށް: "މިހާރު ސަލާމަތް ނުވީމަ މަގޭ ބޮލަށް ކަނޑާލީ ދޯ؟"

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ ހަފްތާއެއްހާ ދުވަސް ނިމިގެން ދިޔައީ މަޝްހޫރު ފިޓްނަސް އިންސްޓްރަކްޓަރ އިސްމާއިލް ފާޒިލް އިންސްޓަގްރާމްގައި ފެށި "ގިވްއަވޭ" ނިމި، އޭގެން ވަރަށް ގިނަ ކަންތައްތަކެއް ފަޅާ އަރާ، ބޮޑު މައްސަލަގަނޑެއްގެ ތެރެއިންނެވެ.

Ads by STELCO

ގިވްއަވޭގެ ނަސީބުވެރިއަކަށް "ޝަރުމީލާ" އެއް އުފަންވެ، އެއީ ހަގީގަތުގައި އުޅޭ މީހެއްކަމާއިމެދު އާއްމުން ޝައްކު ކުރުމުން، މޫނު ބުރުގާ އަޅައިގެން ހުރި ޝަރުމީލާ އެއް ވެސް ވަނީ ވުޖޫދަށް އައިސްފައެވެ. ނަމަވެސް އެކަމުގެ ސަބަބުން ފާޒިލް ބޮޑަށް ވެއްޓުނީ ހޫނުފެނަށެވެ. އާއްމުން އޭނާ ސިފަކުރީ ހަގީގަތް އޮޅުވާލާ މީހެއްގެ ގޮތުގައެވެ.

އެހުރިހާ ކަމަކަށް ފާޒިލް މިއަދު ވަނީ އެންމެންގެ ކިބައިން މާފަށް އެދިފައެވެ. އޮންލައިން ނޫހެއް ކަމަށްވާ "ދޯ" ގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ފާޒިލް ބުނެފައިވަނީ އެހުރިހާކަމެއްގެ ފަހަތުގައި ހުރި މީހަކީ އޭނަގެ މެނޭޖަރ/ މަޝްހޫރު ފޮޓޯގްރާފަރ އަލީ މުޙައްމަދު (އެލީޒް) ކަމަށެވެ.

ފާޒިލް ބުނެފައިވާ ގޮތުގައި ގިވްއަވޭގެ ފޮޓޯވެސް އެންމެ ފުރަތަމަ ނެގީ މަޖަލަކަށެވެ. އޭގައި އެލީޒްގެ ސާމާނުތައް ހިމަނައިގެންނެވެ. ނަމަވެސް އިންސްޓަގްރާމް ސްޓޯރީއަށް ލުމުން އެކަން ލައްކައެއްހާ މީހުން ސީރިއަސްކޮށް ނެގުމުން ހަގީގަތުގައި ވެސް ގިވްއަވޭއެއް ޖައްސަން ނިންމި ކަމަށާއި ނަމަވެސް ހުރިހާ ކަމެއް ގޯސްކުރީ އެލީޒް ކަމަށް ފާޒިލް ބުނެފައިވެއެވެ. އަދި ގިވްއަވޭގެ ނަސީބުވެރިއަކަށް ޝަރުމީލާ ހޮވީވެސް އެލީޒް ކަމަށް ފާޒިލް ބުނެފައިވެއެވެ.

ނަމަވެސް ހަމަ އެނޭވައިގައި އެލިޒް ވަނީ މިހުރިހާ ތުހުމަތެއް މިއަދު ދޮގުކޮށްފައެވެ.

"ދޯ" ގައި އިން އެހެން ރިޕޯޓެއްގައި އެލީޒް އެންމެ ފުރަތަމަ ވެސް ދެކޮޅު ހަދާފައިވަނީ ފާޒިލްގެ މެނޭޖަރަކަށްވުމާއިމެދު ގައެވެ.

"އޭނައަށް ވެސް އެނގޭނެ މަމީ އޭނަގެ މެނޭޖަރެއް ނޫންކަން. މަމީ އޭނައަށް ހިލޭ ފޮޓޯ ނަގައިދޭ މީހެއް" އެލީޒް ބުނެފައިވެއެވެ.

އެލީޒް އަކީ މިދިޔަ އަހަރު މޯލްޑިވްސް ޓްރެވެލް އެވޯޑްސް ގައި އެންމެ މޮޅު ފޮޓޯގްރާފަރުކަމުގެ ތަށި އުފުލާލި ފަރާތެވެ.

ފާޒިލް ކޮށްފައިވާ ތުހުމަތުތައް ދޮގު ކުރަމުން އެލީޒް ބުނީ "ގިވްއަވޭ" އަކީ ވެސް ފާޒިލްގެ ޙިޔާލުން ފެށުނު ކަމެއް ކަމަށާއި އޭގައި ދެންވީ ގޮތެއް އެލީޒް އަށް ނޭނގޭ ކަމަށެވެ.

"މަށެއް ނުކުރަން ތީގަ އެއްކަމެއް ވެސް. އެކަމަކު ފޮޓޯއެއް ނަގައިދޭށޭ ބުނީމަ ފޮޓޯ ނަގާ ދޭނެތާ. އެންމެ ފުރަތަމަ މަ ބުނިން ތިއީ ކަމަކުދާ ކަމެއް ނޫނޭ ވެސް ގިވްއަވޭ އަކީ. ތިއީ ދެން ކީއްކުރަން ކުރާ ކަމެއް ހެއްޔޭ. އެކަހަލަ ގޮތަކަށް މަ ވާހަކަ ދެއްކީ ވެސް،" އެލީޒް ބުނެފައިވެއެވެ.

އެލީޒް ބުނިގޮތުގައި ފާޒިލް ވަނީ އިންސްޓަގްރާމްގައި ލައިވް ވެސް ޖައްސާފައެވެ. ގިވްއަވޭގެ ކަންތައް ވަރަށް ރަނގަޅަށް ކުރިއަށް ގެންގޮސްފައި ފަހުން ކަންތައް ކުރިގޮތެއް ނޭނގޭ ކަމަށް ވެސް އެލިޒް ބުންޏެވެ. އަދި ގިވްއަވޭގެ އެއްޗެހިތައް ގެންގުޅުނީ ވެސް ފާޒިލް ކަމަށް އެލިޒް ބުނެފައިވެއެވެ.

"މިހާރު ސަލާމަތްނުވީމަ މަގޭ ބޮލަށް ކަނޑާލީ ދޯ؟ މަ ވަރަށް ގުޅައިފިން އޭނަ އަށް. ސްކްރީންޝޮޓް ވެސް ހުންނާނެ. މެސެޖު ވެސް ކޮށްކޮށް. މަ ބުނެފިން ހަމަޖެހިގެން ހުންނާށޭ ދެން. ބީ ސްޓްރޯންގްއޭ، އެކަހަލަ މެސެޖުތައް މަ މި ފޮނުވަނީ ވެސް." އެލީޒް ދިން އިންޓަވިެުގައި ބުނެފައިވއެވެ.

ކޮންމެއަކަސް، "ފިޓްފާޒިލް" ގިވްއަވޭ އަދި ވެސް ވެފައިމިވަނީ ބޮޑު އަރަތަކަށެވެ. ތެދު ހަދަނީ ފާޒިލް ކަމެއް އެލިޒް ކަމެއް ނޭނގެއެވެ. ޔާގީންވިހާވެސް ކަމަކީ "ޝަރުމީލާ" އެއް ނެތް ކަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!