އަންހެނުންނަށް ކުރާ އަނިޔާއާއި ގެވެށި އަނިޔާއާއި ދެކޮޅަށް ޤައުމީ ކެމްޕޭނެއް ފަށަނީ
އަންހެނުންނަށް ކުރާ އަނިޔާއާއި ގެވެށި އަނިޔާއާއި ދެކޮޅަށް ޤައުމީ ކެމްޕޭނެއް ފަށަން ގަސްދުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓަރ އައިޝަތު މުޙައްދު ދީދީ ވިދާޅުވެއްޖެއެވެ.
މިމަހުގެ 15 ވަނަ ދުވަހު ފެށޭނެ މިކެމްޕޭނާއި ބެހޭގޮތުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގައި ގެވެށި އަނިޔާ އާއި މިންތީގެ ތަފާތުކުރުމުގެ މައްސލަތައް ގިނަކަމަށެވެ.
މިފަދަކަންކަން ނައްތާލުމަށް އެކަށޭނަ ގިނަ ޤާނޫނުތަކަކާއި ޤަވައިދުތަކެއް އެކަށައަޅާފައި އޮތްނަމަވެސް މި ޤަވައިދުތައް ތަންފީޒުކުރުމުގައި ބޮޑެތި މައްސަލަތަކެއް އެބަހުރިކަން ޖެންޑާ މިނިސްޓަރ ވަނީ ފާހަގަ ކުރައްވާފައެވެ. އަދި އެފަދަ ކަންކަން ހައްލު ކުރުމަށް ކަމާއި ގުޅުން ހުރި އިދާރާތަކުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުން ގެންދާކަން ވެސް އެކަމަނާ ފާހަގަ ކުރައްވާފައިވެއެވެ.
"ގެވެށި އަނިޔާއާއި އަންހެނުންނަށްކުރާ އަނިޔާއާއި ދެކޮޅަށް ޤައުމީ ކެމްޕޭނެއް ފަށަން މިދަނީ ތައްޔާރުވަމުން. 3 މަސްދުވަހަށް ދެމިގެންދާ މިކެމްޕޭން މިމަހުގެ 15 ވަނަދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، މިކެމްޕޭންގެ ތެރެއިން ޓީވީ ރޭޑިއޯ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުން ހޭލުންތެރިކުރުމަށް ވަނީ ހަމަޖެހިފައި" މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އައިޝަތު މުޙައްމަދު ދީދީ ވިދާޅުވިއެވެ.