ބައްޕަ ވަކިވިތާ މިއަދަށް އަށް އަހަރުވީ، ބައްޕަގެ ގާތިލުން ތިބީ އުފަލުގައި ސަރުކާރުން ހިމާޔަތް ދީފަ: ޝީލާ
އެއީ މީގެ އަށް އަހަރު ކުރިން 2012 ގައި ހިނގި ހިތާމަވެރި ހާދިސާއެކެވެ. މުޅި ރާއްޖެއަށް ވެސް އަދި ވަކިން ޚާއްސަކޮށް ދިވެހި ފިލްމު އިންޑަސްޓްރީ ވެސް ސިއްސުވާލި އެއް ޚަބަރަކީ މަޝްހޫރު ފިލްމީތަރި ޝީލާ ނަޖީބުގެ ބައްޕަ އަޙުމަދު ނަޖީބަށް ބަޔަކު ހަމަލާދީ މަރާލި ޚަބަރެވެ.
ފަހަރެއްގައި އަހަރުމެން އެހާދިސާ މަތިން ހަނދާން ނެތުނު ކަމުގައިވިޔަސް، އެކަން ހަމަ ޔަގީނުން ވެސް ހަނދާނުން ފިލައިގެން ނުދާނެ އެއް ބަޔަކީ ޝީލާ އާއި އެއާއިލާއެވެ.
އެގޮތުން މިއަދު ޝީލާ ވަނީ އެހިތާމަ ސޯޝަލް މީޑިއާގައި އަނެއްކާވެސް ހިއްސާ ކޮށްފައެވެ.
މަޝްހޫރު ޤާނޫނީ ވަކީލު އަލްމަރްހޫމް އަހުމަދު ނަޖީބުގެ ފޮޓޯ އަކާއެކު ޝީލާ ހިއްސާ ކޮށްފައިވާ ޕޯސްޓުގައި ލިޔެފައިވަނީ..
"މިފަނާ ކުރަނިވި ދުނިޔެއާއި ބައްޕަ ވަކިވެގެން ދިޔަތާ މިއަދަށް 8 އަހަރުވީ، އަދިވެސް އިންސާފެއް ނުލިބޭ. ބައްޕަގެ ގާތިލުން ތިބީ އުފަލުގައި ސަރުކާރުން ހިމާޔަތް ކޮށްފަ. ދުވަހަކުވެސް މިފަދަ ނުބައި އަމަލު ހިންގާ މީހުންނަށް އަދަބެއް ނުދެވޭ. އަހަރުމެން ބޭނުމީ އިންސާފު. މިޤައުމުގައި އިންސާފު ލިބޭނޭ ދުވަހެއް ދައްކަވާންދޭވެ.
މާތް ﷲ ބައްޕަގެ ފުރާނަފުޅަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާންދޭވެ. އާމީން" މިފަދައިންނެވެ.
އަހުމަދު ނަޖީބު މަރާލާފައިވަނީ މ. މަސްރޫރާ ގެއަށް ދިޔުމަށް އޭނާއަށް ދައުވަތު ދީ، އެގެއަށް އޭނާ ދިޔުމުން ގޮނޑިއެއްގައި ބަނދެފައި ތޫނު އެއްޗަކުން ހަމަލާދީފައި ކަމަށް، މިމައްސަލައިގައި ދައުލަތުން ދައުވާ އުފުލި އަހުމަދު މުއްރަތު ވަނީ ކްރިމިނަލް ކޯޓުގައި ކިޔައިދީފައެވެ.
މިމައްސަލައިގައި މުއްރަތަށް ކްރިމިނަލް ކޮޓުން މަރަށް މަރުގެ ހުކުމް އިއްވާފައިވާއިރު އެހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށް ސުޕްރީމް ކޯޓުން ވެސް ވަނީ އެހުކުމް ދަމަހައްޓަން ހުކުމް ކޮށްފައެވެ. ނަމަވެސް މިއަދާއި ހަމައަށް ވެސް އެހުކުމް ތަންފީޒު ކޮށްފައެއް ނުވެއެވެ.
އަހުމަދު ނަޖީބު މެރިކަމުގެ ތުހުމަތުގައި މުއްރަތުގެ ކުރީގެ ލޯބިވެރިޔާ ފާތިމަތު ހަނާ ގެ މައްޗަށް ވެސް މަރުގެ ހުކުމް ވަނީ އިއްވާފައެވެ. އެހުކުމަށްވެސް ހައި ކޯޓުން ތާއީދު ކުރައްވާފައިވެއެވެ. ނަމަވެސް ތަންފީޒެއް ނުކުރެއެވެ.