"ފުލުހުންނާއި ވިކްޓިމް މަޖިލީހަށް ގެންގޮސް ބަޔާން ނަގާ ގޮތަށް ތުހުމަތުކުރެވޭ ފަރާތްތައްވެސް މަޖިލީހަށް ގެންދަންވީ ނޫންތޯ؟"
ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ސީނަށް ދިނަ ފުލުހުންނާއި އަނިޔާ ލިބުނު ފަރާތް މަޖިލީހަށް ގެންގޮސް ބަޔާން ނަގާގޮތަށް ތުހުމަތުކުރެވޭ ފަރާތްތައްވެސް މަޖިލީހަށް ނުގެންދަނީ ކީއްވެތޯ ކްރިމިނަލް ކޯޓުގެ ކުރީ އިސްގާޒީ އަހުމަދު ހައިލަމް ސުވާލު ކުރައްވައިފިއެވެ.
ހައިލަމް މިގޮތަށް ސުވާލު އުފެއްދެވީ ރައްޔިތުންގެ ކަންބޮޑުވުން ހުންނަ ކަންކަމުގެ މައްސަލަތައް ބެލުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް އޮންނާނެ ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުން ކުރެވޭނެ ކަމެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް މިއަދު ވިދާޅުވުމުންނެވެ.
އެގޮތުން ހައިލަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރުހުންދިން ބޭފުޅުން ކުރާ ކަންކަމާ ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރޭނެ ކަމަށެވެ.
"ކަން ހިންގައިދިޔަ ގޮތް ބަލަން ސީނަށް ދިޔަ ފުލުހުންނާއި ވިކްޓިމް މަޖިލީހަށް ގެންގޮސް ބަޔާން ނަގާގޮތަށް ތުހުމަތުކުރެވޭ ފަރާތްތައްވެސް މަޖިލީހަށް ގެންދަންވީ ނޫންތޯ؟ ކަން ހިނގިގޮތް ސާފުވުމުން ޙުކުމް ކުރައްވާ." ހައިލަމް ވިދާޅުވިއެވެ.
ރުހުންދިން ބޭފުޅުން ކުރާ ކަންކަމާ ދެކޮޅަށް އެއްޗެއް ބުނާކަށް ނުކެރޭނެ.
ކަން ހިންގައިދިޔަގޮތް ބަލަން ސީނަށްދިޔަ ފުލުހުންނާއި ވިކްޓިމް މަޖިލީހަށް ގެންގޮސް ބަޔާން ނަގާގޮތަށް ތުހުމަތުކުރެވޭ ފަރާތްތައްވެސް މަޖިލީހަށް ގެންދަންވީ ނޫންތޯ؟
ކަން ހިނގިގޮތް ސާފުވުމުން ޙުކުމް ކުރައްވާ. https://t.co/W8X6zjwo20— Ahmed Hailam (@AhmedHailam) July 1, 2020
އަންހެން މީހާއަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތުހުމަތުގައި ފުލުހުން ވަނީ 39 އަހަރުގެ ދެ ދިވެހިން ހައްޔަރުކޮށްފައެވެ. ނަމަވެސް ފުލުހުން ފަހުން ވަނީ އެ ދެ މީހުން ވެސް ދޫކޮށްލާފައެވެ.
މި މައްސަލައާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފުލުހުން ބުނީ ފުލުހުންގެ ވިސްނުމަކީ މީހަކު ހައްޔަރުކޮށްގެން ގެންގުޅެފައި 30 ދުވަސް ވުމުން ކުށް ސާބިތުނުވެގެން ނޫނީ އެމީހެއްގެ މައްޗަށް ހުށަހަޅާނެ ހެކި ނެތިގެން ދޫކޮށްލުމަށްވުރެ ފައިދާ ބޮޑީ އެމީހަކު ދޫކޮށްލާފައި ބަހައްޓައިގެން ދިގު މުއްދަތު ނަގައިގެން ވިޔަސް މައްސަލަ ސާބިތު ކުރުމަށް ހެކި ހޯދުމުގެ ވަގުތު ހޯދުން ކަމަށެވެ.