ޚަބަރު

ކަރަންޓް ބިލް ބޮޑުވި މައްސަލަ މަޖިލީހަށް ހުށަހަޅައިފި

ދެން އެމްވީ ، ދެން އޮންލައިން

ނިމިގެން ދިޔަ ޖޫން މަހުގެ ކަރަންޓު ބިލް އިންތިހާއަށް ބޮޑުވެފައިވާތީ އެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ބެލުމަށާ އެކަމާ ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ޖަވާބުދާރީ ކުރުމަށް ހުށަހަޅައިފިއެވެ.

Ads by STELCO

މި މައްސަލަ ބެލުމަށް މަޖިލީހަށް ހުށައަޅާފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމެވެ.

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސް ކުރައްވާ މީކާއީލް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މާލޭގެ ގޭގެއަށް މިދިޔަ މަހުގެ ކަރަންޓު ބިލު އައިއިރު އެބިލުތައް އާދަޔާއި ޚިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ ދާއިރާގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ.

އެ ބިލުތައް ބޮޑުވެފައިވާ ކަމަށް ފެންނަނީ މާލެ ފުރަބަންދު ކުރުމާއި ގުޅިގެން ސަރުކާރުން ދިން ސަބްސިޑީ ކަނޑާލުމާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ބުނެފައިވީ ނަމަވެސް، ފުރަބަންދު އައުމުގެ ކުރީ މަސްތަކުގެ ކަރަންޓު ބިލާއި އަޅާކިޔާ އިރުވެސް ޖޫން މަހުގެ ބިލު ދެގުނަ، ތިންގުނަ އަދި ހަތަރުގުނަ ވެސް ބޮޑުވެފައި ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށް މެމްބަރު ވިދާޅުވިއެވެ.

އެހެންކަމުން ކޮވިޑް-19އާ ގުޅިގެން ރައްޔިތުންނަށް މާލީގޮތުން އިންތިޙާއަށް ދަތިވެފައިވާ މިދަނޑިވަޅުގައި ޖޫން މަހުގެ ކަރަންޓު ބިލު އާދަޔާ ޚިލާފަށް ބޮޑުކޮށްފައިވާ ސަބަބު، މަޖިލީހުގެ ކަމާއި ބެހޭ ކޮމެޓީ މެދުވެރިކޮށް އޮޅުން ފިލުއްވައިދެއްވައި ސްޓެލްކޯ ޖަވާބުދާރީ ކޮށްދިނުމަށް މެމްބަރު މީކާއިލް މަޖިލީހަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.

ކަރަންޓް ބިލް ބޮޑުވި މައްސަލަ ބަލައި ދިނުމަށް މަޖިލީހަށް ހުށަހަޅާފައިވާއިރު، ޖޫން މަހުގެ ބިލް ބޮޑުވެގެން ގިނަ އަދަދެއްގެ ބައެއް ދަނީ ކަންބޮޑުވުންފާޅު ކުރަމުންނެވެ. އެގޮތުން އެއްހާސް ރުފިޔާ ނާރާ ގެތަކުގެ ބިލްތައް ވަނީ ދެތިން ގުނަ ބޮޑުވެފައެވެ.

ކޮވިޑް-19އާ ގުޅިގެން މާލީ ގޮތުން އަތްމަތި ދަތިވެފައިވާ ދަނޑިވަޅެއްގައި ކަރަންޓު ބިލް އިންތިހާއަށް ބޮޑުވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބައެއް އާންމުންދަނީ ބުނަމުންނެވެ. ސްޓެލްކޯއިން ބުނަނީ ބިލް އާދަޔާ ހިލާފަށް ބޮޑު ނުވާ ކަމަށާއި، ބިލް ބޮޑު ކަމަށް ހީވަނީ ކުރީ ދެ މަހު ދިން ސަބްސިޑީ ނެތުމުން ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!