ދުނިޔެ

ކޮވިޑް-19 ޖެހިފައިވާ ބައްޕައާ ބައްދަލު ކުރަން މި މީހާ ހެދުނީ ޑޮކްޓަަރަކަށް، ދިޔައިރު ފެނުނީ ބައްޕަގެ ފުރާނަ ނެތް މަސްގަނޑު

ޢާލިމް އަބްދުއްލަތީފް

ޕެރޫ: ޕެރޫގެ ފުލުހަކު އޭނާގެ ކޮވިޑް-19އަށް ފައްސިވެފައިވާ ބައްޕައާ ބައްދަލު ކުރުމަށް ޑޮކްޓަރަކަށް ހެދިގެން ބައްޕަގެ ގާތަށް ގޮސްފިއެވެ.

ބައްޕަގެ ގާތަށް މީނާ ގޮސްފައި ވަނީ ކޮންމެވެސް ގޮތަކުން ޑޮކްޓަރެއްގެ ޕީޕީއީ ކިޓް ހޯދައިގެން އެ ލައިގެންނެވެ. ނަމަވެސް އެހާ މަސައްކަތުން ބައްޕަގެ ގާތަށް ދިއުމުން އޭނާއަށް ފެނުނީ ހިތާމަވެރި މަންޒަރެކެވެ. އޭނާގެ ލޯބިވާ ބައްޕަގެ ފުރާނަ ނެތް މަސްގަނޑެވެ.

އޭނާއަކީ ޑޮކްޓަރެއް ނޫން ކަން އެނގުމާއެކު ފުލުހުން ވަނީ އޭނާ ވަށާލާފައެވެ. އަދި ފުލުހުން މިހާރު ދަނީ އޭނާއަށް ހޮސްޕިޓަލުގެ ކަރަންޓީން ވޯޑަށް ވަދެވުނީ ކޮންބައެއްގެ އެހީތެރިކަމާއެކުގައި ތޯ ބަލައި ތަހުގީގު ކުރަމުންނެވެ.

އޭނާ ބުނާ ގޮތުގައި ޑޮކްޓަރަކަށް ވެގެން ހޮސްޕިޓަލަށް ވަންނަން އޭނާއަށް މަޖުބޫރުވީއެވެ. ސަބަބަކީ އޭނާގެ ބައްޕަގެ އެއްވެސް އަޕްޑޭޓެއް އޭނާއަށް ނުދޭތާ ދެ ދުވަސް ވުމުންނެވެ. އެހެން ކަމުން ހަދާނެ ގޮތެއް ނޭނގި ކަންބޮޑުވެ ހާސްވެގެން އޭނާއަށް އެކަން ކުރެވުނީ ކަމުގައި އޭނާ ބުނެއެވެ.

ހޮސްޕިޓަލުން އޭނާގެ ބައްޕަގެ މަރާ ބެހޭގޮތުން ބުނީ އޭނާގެ ބައްޕަ ހޮސްޕިޓަލުގައި އެޑްމިޓް ކުރެވުނީ 9 ފެބްރުވަރީގައި ކަމަށެވެ. އަދި އޭނާގެ ބައްޕަ އަކީ ހަކުރުބަލި ހުންނަ މީހެއް ކަމަށް ވެސް ހޮސްޕިޓަލުން ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!