ޚަބަރު

ރިޒާއާ ދެކޮޅަށް ދައުވާކުރަން ޕީއައިއެލްސީން ބިދޭސީންނަށް އެހީތެރިވާން ނިންމައިފި

ދެން އެމްވީ ، ދެން އޮންލައިން

ބ. ބޮޑުފިނޮޅުގައި މަސައްކަތްކުރާ ބިދޭސިނަށް ހިލޭ ސާބަހަށް ވަކާލާތުކޮށްދޭނެ ކަމަށް ޕަބްލިކް އިންޓަރެސްޓް ލޯ ފާމުން ބުނެފިއެވެ.

ބޮޑުފިނޮޅުގައި މަސައްކަތްކުރާ 200 އަށް ވުރެ ގިނަ ބިދޭސިންނަށް ހަތް މަހުގެ މުސާރަ ނުދޭ ކަމަށް ބުނެ އެ މީހުން ވަނީ އެ އެރަށުގައި ހަމަ ނުޖެހުން ހިންގާ ދިވެހިންތަކެއް ރަހީނު ކޮށްފައެވެ.

މަދަނީ މައްސަލަތަކުގައި ހިލޭ ސާބަހަށް މަސައްކަތްކުރާ ޕީއައިއެލްސީގެ ރައީސް މަރިޔަމް ޝުނާނާ ރޭ ވިދާޅުވީ، އެ މުވައްޒަފުން ބޭނުން ނަމަ ހިލޭ ސާބަހަށް ދައުވާކޮށްދޭން ތައްޔާރަށް ހުރި ކަމަށެވެ.

އެ މައްސަލާގައި ޝުނާނާ ވިދާޅުވީ އޭނާގެ ޓީމުން ބޮޑުފިނޮޅަށް ގޮސް، މުވައްޒަފުންނާ ވާހަކަދައްކައި، ގާނޫނީ ލަފާ ފޯރުކޮށްދޭން ތައްޔާރަށް ތިބި ކަމަށެވެ. އަދި އެމީހުން ލައްވާ ވަޒީފާ އަދާކުރުވާ ފަރާތާ ދެކޮޅަށް ކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

"ފުލުހުންގެ ސީނިޔާ އޮފިސަރަކު ވިދާޅުވި، މިވަގުތު އަދި އެރަށަށް ދިޔުން ރައްކާތެރި ނޫން ކަމަށް. ރަށަށް ދިޔުން ރައްކާތެރިވުމުން އެކަން އަންގާނެ ކަމަށްވެސް ވިދާޅުވި،" ޝުނާނާ ރޭ ވިދާޅުވި އެވެ.

މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ އާރުއައި އެކްސް ކުންފުންޏާ ހަވާލު ކޮށްގެން ހަދަމުން އަންނަ ރިސޯޓުގައި ބިދޭސީން ހަޅުތާލު ފަށައި، ބޮޑު ހަމަނުޖެހުމަކަށް ވަނީ ގޮސްފައެވެ.

އެ މީހުން އިހުތިޖާޖުކޮށް އެ ރަށުގައި ތިބި ދިވެހީންތަކެއް ރަހީން ކުރުމާއި ގުޅިގެން ފުލުހުން އެ ރަށަށް އަރައި އެ ދިވެހިން ވަނީ ސަލާމަތްކޮށްފަ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!