ޚަބަރު

ރިޒާގެ ކުންފުނިން މުވައްޒަފުންނަށް މުސާރަ ނުދެނީ އިތުރަށް ފައިސާ ނެގުމަށްފަހު

ބ. އަތޮޅު ބޮޑުފިނޮޅުގައި ހަދަމުން އަންނަ ރިސޯޓުގެ މަސައްކަތް ކުރަމުން އަންނަ ބިދޭސީންނަށް މުސާރަ ދިނުމަށް ސީލް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ށ. މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ މަސްލަހަތު އޮންނަ ކުންފުނި، ރީފް ޕްރައިވެޓް ލިމިޓެޑަށް ދޭން ޖެހޭ މިންވަރަށް ވުރެ އިތުރަށްވެސް ފައިސާ ދީފައިވާނެ ކަަމަށް އެ ކުންފުނިން ބުނެފިއެވެ.

ރިސޯޓްގެ މަސައްކަތް ކުރަމުންދާ ރިޒް ކުންފުނިން މުވައްޒަފުންނަށް މުސާރަ ނުދެވި ވަނީ ރިސޯޓެއްގެ ގޮތުގައި އެ ރަށް ތަރައްގީކުރާ ސީލް މޯލްޑިވިސްއިން ފައިސާ ދީފައި ނުވާތީ ކަމުގައި ރޭ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާގެ މަސްލަހަތު އޮންނަ ކުންފުނި، ރިޒް އިން ބުނެފައިވެއެވެ. އެގޮތުން އެ ކުންފުނީގެ މުވައްޒަފުންނަށް މުސާރަ ދިނުމަކީ އެއްބަސްވުމުގެ ދަށުން ސީލް މޯލްޑިވްސް ކުންފުނީގެ ޒިންމާއެއް ކަމަށާއި އެގޮތުން ކޮންމެ މަސައްކަތު މީހަކަށް 7،000 ރުފިޔާ އާއި ކެއުމުގެ ހަރަދު ދޭން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް ސީލް މޯލްޑިވިސް އެކަމަށް ރައްދުދީ ބސީލް މޯލްޑިވްސް ކުންފުނީގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ރިޒް ކުންފުނިން ފައިސާ ނުދޭ ކަމަށް ބުނެފައިވީ ނަމަވެސް އެއްބަސްވުމުގައި ބުނާ އަދަދަށްވުރެ އިތުރަށް ވެސް އެ ކުންފުންޏަށް ސީލް މޯލްޑިވްސްގެ ފަރާތުން ފައިސާ ދީފައިވާނެ ކަމަށެވެ.

އެގޮތުން ރިޒް ކުންފުނިން ހަވާލުވި މަސައްކަތަށް 12 މިލިއަން ރުފިޔާ އެއްބަސްވުމާ އެއްގޮތަށް ދޭން ޖެހޭއިރު މިހާތަނަށް 21 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދޫކޮށްފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!