ޚަބަރު

ދިވެހިން ރަހީނުކުރި ބިދޭސީންނާ މެދު ފިޔަވަޅު އެޅުމަށް މޫސަ ގޮވާލައްވައިފި

ދެން އެމްވީ ، ދެން އޮންލައިން

ބ. ބޮޑުފިނޮޅުގައި 12 ދިވެއްސަކު ރަހީނު ކުރުމުގައި ބައިވެރިވި ބިދޭސީންނާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ގޮވާލައްވައިފިއެވެ.

Ads by Sosun Fihaara

ބޮޑު ފިނޮޅުގައި އިއްޔެ ބިދޭސީން ހިންގި ހަމަނުޖެހުމުގެ ތެރެއިން ދިވެހިން ރަހީނުކޮށް އެރަށުގެ ތަންތަނަށް ވަނީ ގެއްލުން ދީފައެވެ.

މިކަމާ ގުޅިގެން މޫސަ ކުރެއްވި ޓްވީޓެއްގައި ބަންގްލަދޭޝް މީހުން ކަމެއްކުރާއިރު ހަމައެންމެން ބައިވެރިވާނެ ކަމަށާއި، މައްސަލަ ބަލަންފަށާ ހިސާބުން ކަންކުރީ މަދުބަޔަކަށް ހަދާފައި ގިނަމީހުން ބޯދަމައިގަންނާނެ ކަމަށެވެ. އެހެން ކަމުން ސަރުކާރުން މިފަހަރު ބައްލަވަންވީ ފުރަތަމަ ބަންސްލަދޭޝް މީހުންގެ ކަންކަމުގެ ހައްލު ނޫން ކަމަށާއި، ދިވެހިންނަށް ދިން އަނިޔާ އާއި ގެއްލުން ކަމަށް އޭނާ ވިދާޅުވިއެވެ.

"މުސާރަނުދީގެންވިޔަސް އެހެން ކަމަކުންވިޔަސް އިންސާނުން ރަހީނުކޮށް އަނިޔާކޮށްގެން ނުވާނެ." ރީކޯ މޫސަ ވިދާޅުވެފައިވެއެވެ.

އެ ރަށުގައި ހަމަނުޖެހުންތައް ހިންގައިފައިވަނީ އެ ބިދޭސީންތަކަށް އެތައް މަހެއް ވަންދެން މުސާރަ ނުދޭތީއެވެ.

ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުންދާ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް19 އާ ގުޅިގެން ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރަމުންދާ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު، މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ވަނީ ވިދާޅުވެފަ އެވެ.

އެ ރަށުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންތަކެއް ފޭބުމަަށް މަސައްކަތް ކުރުމުން އެރަށުގައި ތިބި 203 ބިދޭސީ މަސައްކަތްތެރިން ވަނީ އެކަން ހުއްޓުވަން މަސައްކަތް ކޮށް އެމީހުން ރަހީނުކޮށްފައެވެ. ފުލުހުން ފަހުން ވަނީ އޭގެ ތެރެއިން ރަހީނުކުރި 12 މީހުން ސަލާމަތްކޮށްފައެވެ. އަދި އެކަކު މޫދުގައި އޮއްވާ ފުލުހުން ވަނީ އޭނާ ސަލާމަތްކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!