މުނިފޫހިފިލުވުން

ބޮލީވުޑްގެ ގިނަ ތަރިންނަށް ނަށަން ދަސްކޮށްދިން ސަރޯޖް ޚާން ނިޔާވެއްޖެ

ބޮލީވުޑްގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ނަން މަޝްހޫރު ކޮރިއޮގްރަފަރެއް ކަމަށްވާ ސަރޯޖް ޚާން މިއަދު ނިޔާވެއްޖެއެވެ.

އިންޑިއާގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި، ސަރޯޖް ޚާން ނިޔާވީއިރު އުމުރަކީ 71 އަހަރެވެ. އޭނާ ނިޔާވީ މުމްބައީ ގެ ހޮސްޕިޓަލެއްގައެވެ.

ތިން ފަހަރަށް ޤައުމީ އިނާމުވެސް ހާސިލުު ކޮށްފައިވާ ސަރޯޖް، ނޭވާލާން ދަތިވެގެން މިދިޔަ ހޮނިހިރު ދުވަހު ވަނީ އެޑްމިޓު ކޮށްފައެވެ. އެކަމުގެ ސަބަބުން އޭނާ ކޮވިޑް އަށް ވެސް ޓެސްޓު ކުރެވުނެވެ. ނަމަވެސް ނަތީޖާއިން ދެއްކީ އެބައްޔަށް ނައްސި ކަމަށެވެ.

ބޮލީވުޑްގައި 40 އަސްވުރެ ގިނަ އަހަރު ޚިދުމަތް ކުރި ސަރޯޖް ވަނީ 2000 އަށްވުރެ ގިނަ ލަވަ ކޮރިއޯގްރާފް ކޮށްދީފައެވެ. މަދޫރީ ދިކްސިޓް އާއި ޝްރީ ދޭވީ ފަދަ އެކްޓްރެސުން ވަނީީ ސަރޯޖް ޚާން ކޮރިއޯގްރާފް ކުރި ގިނަ ލަވަތަކެއްގައި ހަރަކާތްތެރިވެފައެވެ.

ސަރޯޖް ޚާން މިދުނިޔެ ދޫކޮށް ދިޔުމުން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ އެކަމާއި ހިތާމަފާޅު ކޮށްފައެވެ. އޭގެ ތެރޭގައި މަޝްހޫރު އެކްޓާރ ޝާޙްރުކް ޚާން، އަކްޝޭ ކުމާރް، މަދޫރީ، ރިތޭޝް ދޭޝްމުކް، ޝިލްޕާ ޝެޓީ ފަދަ އެކްޓަރުން ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!