މުނިފޫހިފިލުވުން

ގިނަ ފަންނާނުން އަގުހުރި މަސައްކަތް ކުރޭ، އެކަން ވާނެ ފާހަގަ ކުރަން: ރިޝްފާ، ދޮން އައްޔަ، ޖާދު

ދެން އެމްވީ ، ދެން އޮންލައިން

ދިވެހި ފިލްމު އިންޑަސްޓްރީ އަކީ ވެސް އެކި ކަހަލަ މިޒާޖުގެ މީހުން އުޅޭ ތަނެކެވެ. ކިތަންމެ ގާތްކޮށް އެއްބަޔަކު އުޅޭތަން ކެމެރާއަށް ނުވަތަ ފޮޓޯތަކުން ފެނުނަސް، ހަގީގަތުގައި މިދާއިރާގައި އެކަކު އަނެކަކާއިމެދު ކޮންމެވެސް ކަމަކާއި ނުރުހިފައި ތިބޭ މީހުން ވަރަށް ވެސް ގިނައެވެ. ބައެއް ފަހަރު އެ ނުރުހުން ފެށެނީ އެހެން މީހުން އަނެކާއަށް މާބޮޑު ސަމާލުކަމެއް ދިނުމުން، އެކަމުގެ ސަބަބުން އުފެދޭ ހަސަދަވެރިކަމެއް، ނުވަތަ ހިތް ނުތަނަވަސް ކަމެއްގެ ސަބަބުންނެވެ. އެފަދަ މީހުން ވެސް އެދައްކަނީ މުޅިއަކުން ދޮގު ވާހަކައެއް ނޫނެވެ. އެންމެންނާއި ދޭތެރޭވެސް ހަމަހަމަކަން ބާއްވަން ވާނެއެވެ. ނަމަވެސް އެއްޗެއް ބުނުމުގެ ރީތިގޮތެއް ވެސް އޮންނަން ވާނެއެވެ.

Ads by MWSC

އެފަދަ ކަމެއް މިއަދު މިވަނީ ދިވެހި ފިލްމީ ތަރިންތަކެއް ކަމަށްވާ އައިމިނަތު ރިޝްފާ (ބަބްލްސް)، އަލީ އާޒިމް (ދޮން އައްޔަ) އަދި ފެޝަން ޑިޒައިނާރ ޖާދުﷲ އިސްމާއިލް (ޖާދު) ގެ ކިބައިން ވެސް ފެނިފައެވެ.

ރޭޕް ކުރާ މީހުންނާއި ދެކޮޅަށް ފިލްމީ ދާއިރާއިން އެންމެ ފުރަތަމަވެސް އަޑުއުފުލާ އެއްޗެކޭ ބުނި މީހަކީ ކުޅަދާނަ އެކްޓްރެސް މަރިޔަމް އައްޒައެވެ. އެކަމާއި ގުޅޭގޮތުން އައްޒަ ބުނެފައިވާ ބަހަށް "ރޭޕިސްޓުން ދިފާއު ކުރާނީ ރޭޕިސްޓުންނާ އެއް ލެވަލެއްގެ މީހުން: އައްޒަ" މިސުރުޙީގެ ދަށުން އިއްޔަ "ދެން" އިން ވާނީ ޚަބަރެއް ވެސް ލިޔެފައެވެ.

އެޚަބަރަށް ދޮންއައްޔަ އާއި ރިޝްފާ އަދި ޖާދު ވަނީ ކޮމެންޓު ކޮށްފައެވެ. އާއްމުގޮތެއްގައި އައްޒަ އާއި ވަރަށް ވެސް ގާތްކޮށް އުޅޭތަން ފެނުނު ދޮން އައްޔަ މިފަހަރުގެ ކޮމެންޓުތަކުން ފެނުނީ އައްޒަ އަށް ވަރަށް ނުރުހިފައި ހުރި މަންޒަރެވެ.


އެގޮތުން ދޮން އައްޔަ ބުނެފައިވަނީ ރިޝްފާމެން ކުރާ މަސައްކަތްތައް އޭނާއަށް ފެންނަ ކަމަށާއި އެކަމަކު "ނަން މިވަނީ މުޅިންވެސް އެހެން މީހެއް" ކަމަށެވެ.

"ކޮވިޑް19 ގަވެސް ފުރާނަ އަތްމައްޗަށް ލައިގެން ދުވީ ޖާދު އިސްމާއިލް އެންޑް ޔޫ އެކަމަކު ނަން މިވަނީ ކަން ނުކޮށް ބޮޑު ހެޑްލައިން ޖަހާލެވޭ މީހާ. ކިހާ ބޮޑު ވަބާއެއް މީ" ދޮން އައްޔަ ބުނެފައިވެއެވެ.

އޭގެ ޖަވާބަކަށް ރިޝްފާ ބުނެފައިވަނީ އެއީ ހަމަ އެކަނި "ފޮލޯވަރުން ހޯދަން ކުރާ ކަމެއް" ކަމަށާއި ރިޝްފާ މެން މަސައްކަތް ކުރަނީ އިންސާނިއްޔަށްޓަކައި ކަމަށާއި އެކަމުން އަމިއްލަ ފައިދާ އެއް ހޯދުމަށް ނޫން ކަމަށެވެ.

ރިޝްފާގެ ކޮމެންޓަށް ރައްދު ދެމުން ދޮން އައްޔަ ބުނެފައި ވަނީ އެއްޗެކޭ ނުބުނެ އޭނައަށް ނުހުރެވުނީ ކަމަށާއި އެއީ "ދެން ފުކެއް ބޮޑުވަރު" ކަމަށެވެ.

"އެހެން ނޫނަސް މިދާއިރާގައި މަސައްކަތް ކުރާ ކިތަންމެ ބަޔަކު ޤައުމަށް ދިމާވާ ކަންކަމުގައި މަސައްކަތްކޮށް، ޙައްޤު ބަސްވެސް ބުނޭ. އެކަމަކު މީޑިއާއަށް ވަރަށް ބޮޑު ކަމަކަށް ވާނެ ވަކި ބަޔަކު ސްޓޭޓަސް އެއް ލިޔެލާއިރަށް" ދޮން އައްޔަ ބުނެފައިވެއެވެ.

ދޮން އައްޔާއެވެ. ވަރަށް ބޮޑަށް މާފަށް އެދެމެވެ. ނަމަވެސް އަޅުގަނޑުމެން އެހެން ތަރިންްގެ ޚަބަރުތައްވެސް ލިޔަމެވެ. އެގޮތުން ދޮން އައްޔަ ޒަވާޖީ ޙަޔާތެއް ފެށި ވާހަކައާއި ރިޝްފާ އުމްރާ އަށް ދިޔަ ވާހަކަ، އަދި ޖާދު ކޮވިޑް ކަންތަކުގައި ހަރަކާތްތެރިވި ވާހަކަވެސް ލިޔުނީމެވެ. އައްޒަގެ ޚަބަރުތައް ތަންކޮޅެއް ގިނައިން ލިޔެވުނު ކަމުގައި ވިޔަސް، އެހެން ތަރިންގެ ވެސް ފާހަގަ ކޮށްލެވޭ ކަންކަން ނޫސްތަކުގައި ލިޔެއެވެ. ނަމަވެސް ތިބުނި ޕޮއިންޓު ކުރިއަށް އޮތްތަނުގައި ހަމަ ޔަގީނުން ވެސް "ދެން" ގެ ފަރާތުން ވިސްނާާނަމެވެ.

އައްޒަގެ ބަސްތަކަށް ދީފައިވާ ރައްދުގެ ވާހަކަތައް މިހިސާބުން ނިމުނީކީ ނޫނެވެ. ދެން އޮތީ ޖާދު އެޚަބަރަށް ދީފައިވާ ރައްދެވެ.


ފެޝަން ޑިޒައިނަރ ޖާދު ކޮށްފައިވާ ކޮމެންޓު ވަރަށް ވެސް ދިގެވެ. އޭނާ އެންމެ ފުރަތަމަ ވެސް ބުނެފައިވަނީ އެކި މީހުން މަސައްކަތް ކުރާނީ އެކި ގޮތްގޮތަށް ކަމަށެވެ.

"އެއް ބަޔަކު ބައެއްގެ ސަމާލުކަން ހޯދަން، އަނެއް ބަޔަކު ތިމާއާއި އަނެއް މީހާއަށް ފައިދާވާނެ ގޮތަށް ނޫނީ ޤައުމީ މަސައްކަތެއްގެ ގޮތުގައި. ކޮންމެ މީހަކީ ބަޔަކަށް ދައްކަން މަސައްކަތް ކުރާނެ މީހެއް ނޫން" ޖާދު ބުނެފައިވެއެވެ.

މީގެ އިތުރުން ޖާދު ބުނެފައިވަނީ ރިޝްފާ ގެ މަސައްކަތައް އޭނާ ފަޚުރުވެރިވާ ކަމަށާއި އެކޮށްދެނީ ޤައުމީ މަސައްކަތެއް ކަމަށެވެ. "ރެއާއި ދުވާލު ކެއުމެއް ބުއިމެއްނެތި އެހެން މީހުންހެ ޙައްޤުގައި އެމަސައްކަތް ކުރަނީ. އަހަރެން މިއީ އެއްވެސް އިރެއްގަައި ބަޔަކަށް ދައްކަން ނޫނީ މަޝްހޫރުވާން ބޭނުން ވެގެން މަސައްކަތް ކުރާނެ މީހެއް ނޫން. ކޮންމެ ކަމެއް ވެސް އަމިއްލައަށް ފެނިގެން އެކަމެއް ކުރަނީ. ޤައުމަށް ދިމާވާ މިކަހަލަ ކޮންމެ ކަމަކަށް އަހަންނަށް އެއްބާރުލުން ދެވެން އޮތް ގޮތަކަށް އަބަދުވެސް ދެން. ކުށެއް ކޮށްފިއްޔާ އެއީ ކުށެއްކަން އިނގޭ. އަދި ސާބިތު ވެއްޖިއްޔާ އެކުށުގެ ޙައްޤު އަދަބުވެސް ލިބެންޖެހޭ. ކިތަންމެ ވަރަކަށް ވެސް ވާހަކަ ދެއްކިދާނެ. އިންސާފު ނުލިބޭ ތަނެއްގައި ބޭކާރު އަނގަ ތެޅުމުގެ ބަދަލުގައި ކުށަކަށް ވާނަމަ އެކުރެވުނީ ނޫނީ އެކުރީ ކުށެއްކަން އަމިއްލައަށް ޤަބޫލު ކޮށްގެން ތިބުންވެސް އަހަންނަށް މާ ބުއްދިވެރި." ޖާދު ބުނެފައިވެއެވެ.

ރެޑް ކްރެސެންޓުގައި ވަރަށް ގިނަ ދުވަހު ޚިދުމަތް ކުރަމުން އަންނަ ރިޝްފާ ބުނެފައިވަނީ ހުރިހާ މީޑިއާތަކަކަށް އޭނާ ނަން ދެމުން ނުދިޔަ ނަމަވެސް، ޙައްޤަށް އަބަދުވެސް ތެދުވާނެ ކަމަށެވެ. އަދި އޭނާ މަސައްކަތް ކުރަނީ ހެޑްލައިންތަކަށް އަރަން ނޫން ކަމަށާއި ފޮލޯވަރުން ވެސް ހޯދަން ނޫން ކަމަށް ވެސް ރިޝްފާ ބުނެފައިވެއެވެ.

ކޮންމެހެނަކަސް މަޝްހޫރު މީހުން މިފަދައިން އެކަކު އަނެކަކާއި ބެހޭގޮތުން ވާހަކަ ދެއްކުމަކީ ނޫސްތަކުގެ ހެޑްލައިންތަކަށް ނާރާ ހުންނާނެ ކަމެއް ނޫނެވެ. އަދި މިއީ ވަރަށް ހިތާމަވެރި ކަމެއް ވެސް މެއެވެ. އެމީހަކު އުޅޭ ދާއިރާއަކަށް އިޚްތިރާމް ކުރަން ވާނެކަމުގައި ދެކެމެވެ. ކަމަކާއި ނުރުހޭ ނަމަވެސް ވަކިން އެވާހަކަ ދައްކާލުން ރަނގަޅެވެ. ދިވެހި ފިލްމީ ދާއިރާ އާއިމެދު މިހާރު ވެސް ގިނަ ބެލުންތެރިން ދެކެނީ ވަރަށް ނެގަޓިވް ކޮށެވެ. އެހެންކަމުން ތަރިންގެ އުޅުމާއި އަޚްލާޤު ވެސް ރަނގަޅު ގޮތުގައި އަބަދުވެސް ބެހެއްޓުން މުހިންމު ކަމުގައި ދެކެމެވެ.


Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!