މުނިފޫހިފިލުވުން

ޒުވާން ކުރެހުންތެރިޔާ ދާއިން ފެޝަން ޑިޒައިނިންގެ ދުނިޔެއަށް

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖެ އާރޓްޕޯސްޓިންގް ގުރޫޕްގެ ވާހަކަ މި ދެއްކެނީ މާ ގިނައިން ކަމުގައިވެސް ވެދާނެއެވެ. ނަމަވެސް ވާނީ ވެސް އެހެންނެވެ. އެ ގުރޫޕްގައި ހަމަ އެހާވެސް ހުނަރުވެރި އަދި ކެރޭ ޒުވާނުން ތަކެއް އެބަ ތިބި ވިއްޔާއެވެ.

މިފަހަރުވެސް ދައްކާލަން މިއުޅެނީ އެފަދަ ހުނަރުވެރި ޒުވާނެއްގެ ވާހަކަ އެކެވެ. ވަރުގަދަ އަޒުމަކާއެކު ކުރިއަރަން ބޭނުންވާ ޒުވާން ކުރެހުންތެރިއެއްގެ ވާހަކައެވެ.

އުމުރުން 19 އަހަރުގެ މި ޒުވާނާ ދެކޭ ހުވަފެނަކީ ކާމިޔާބު ފެޝަން ޑިޒައިނަރަކަށް ވުމެވެ. ޏ.ފުވައްމުލަކަށް އުފަން މިޒުވާނާގެ ނަމަކީ ދާއިން އަހްމަދު އެވެ. ގިނަ ރައްޓެހިން ކިޔާ އުޅެނީ "ޑޭން" ކަމަށް ދާއިން ބުންޏެވެ.

ދާއިން އޭނާގެ ވާހަކަތައް ދެން އެމްވީ އާ ހިއްސާ ކުރިއެވެ.

ކުޑައިރު "ކަޒިންސް" އާ ވާދައަށް ކުރަހަން

ދެން އެމްވީ އާ ވާހަކަ ދައްކަމުން ދާއިން ބުނީ އެންމެ ކުޑައިރުއްސުރެވެސް އޭނާ ކުރަހާ އުޅެން ކަމަށެވެ. އެގޮތުން ދާއިންގެ ދެބެންގެ ދެދަރި ކުދިންނަކީ ވެސް ކުރަހާ އުޅޭ ކުދިން ކަމުން ވާދައަށް ކުރަހާ އުޅޭ ކަމަށް ދާއިން ކިޔާދިނެވެ. އަދި އެއަށްފަހު ދާއިންގެ ދެބެންގެ ދެދަރި ކުއްޖެއް އޯލެވެލްގައި އާރޓް ކިޔަވަން ފެށި ކަމަށާއި އެހެންވުމުން ދާއިންވެސް އާރޓް ކިޔެވުމަށް ވަރަށް ބޮޑަށް ޝައުގުވެރިވި ކަމުގައި ދާއިން ބުންޏެވެ. ނަމަވެސް ދާއިންގެ މައިންބަފައިން ކުރެހުމަކީ ކުރިއަށް ދެވޭނެ ކަމެއް ކަމުގައި ގަބޫލު ނުކުރާ ކަމަށް ދާއިން ބުންޏެވެ. އެހެންކަމުން ދާއިންއަށް އާރޓް ކިޔެވުމުގެ ފުރުސަތެއް ނުލިބުނެވެ. ދެރަވި ނަމަވެސް ކުރެހުމުގެ ދާއިރާއިން އަދި އޭނާ ދެކޭ ހުވަފެން ކަމުގައިވާ ފެޝަން ޑިޒައިނިންގެ ދާއިރާއިން ކުރިއަށް ދިއުމުގެ އުއްމީދު ދާއިން ކަނޑައެއް ނުލައެވެ.

ދާއިން އުއްމީދު ކަނޑައިނުލާ މަސައްކަތް ކުރަމުން ދިޔައީ އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ޓަކައެވެ. އެގޮތުން ޔޫޓިއުބުން އާރޓް ވީޑިޔޯތައް ބެލުމަށް ފަހު އޭނާގެ ހުނަރު ކުރިއެރުވޭތޯ ގަދައަޅައި މަސައްކަތް ކުރަމުން ދިޔައެވެ. އަދި އޭނާގެ ދެބެންގެ ދެދަރި ބޭބެ އާރޓް ކުލާހުގައި ކިޔަވައިދޭ ފިލާވަޅުތައް ގެއަށް އައިސް ދާއިން އަށް ކިޔައިދޭ ކަމަށާއި އަބަދުވެސް ބޭބެ އާވެސް އެއްހަމައެއްގައި ހުރުމަށް ބޭނުންވާ ކަމުގައި ދާއިން ބުންޏެވެ.

މިދާއިރާއިން ކުރިއަށް ދިއުމަށް މިހާތަނަށް ލިބުނު އެންމެ ބޮޑު ފުރުސަތު

މިހާތަނަށް މިދާއިރާއިން ކުރިއަށް ދިއުމަށް ލިބުނު އެންމެ ބޮޑު ފުރުސަތަކީ ކޮބާތޯ ދެން އެމްވީ އިން ކުރި ސުވާލަކަށް ޖަވާބު ދެމުން ދާއިން ބުނީ ފާއިތުވެދިޔަ 2019 ވަނަ އަހަރު އަވައްޓެރި ސްރީލަންކާގެ ކޮލެޖެއް ކަމަށް ވާ އޭ.އެމް.ޑީ.ޓީ ސުކޫލް އޮފް ކްރިއޭޓިވިޓީ އިން ސްކޮލާރޝިޕްއަކަށް ކުދިން ހޮވުމަށް ޓަކައި ބޭއްވި ގްލޯބަލް ފެޝަން އިލަސްޓްރޭޝަން ކޮންޓެސްޓް އެއްގައި އޭނާ ބައިވެރިވި ކަމަށެވެ. އަދި އެ ސްކޮލާރޝިޕް ވެސް އޭނާއަށް ލިބުނު ކަމުގައި ދާއިން ފާހަގަ ކުރިއެވެ. ނަމަވެސް ދާއިންގެ ނަސީބު މިފަހަރުވެސް ވަރަށް ދެރައެވެ. މި ކޯހަށް ވެސް ދާއިންއަށް އަމިއްލަ ބައެއް ކަންތައްތަކާ ހެދި ދެވޭ ގޮތެއް ނުވިއެވެ. އަދި ހަމަ އެހެންމެ އެދުވަސް ވަރު ވީ ދާއިންގެ އޭލެވެލްގެ ފައިނަލް އިމްތިހާނުތައް އޮތް ދުވަސްވަރަށެވެ.

މިގޮތަށް ކަންތައްތައް ދިމާވި ކަމުގައިވިޔަސް ދާއިންގެ ހިތްވަރަށް ބަދަލެއް ނާދެއެވެ. އޭނާއަށް އޭނާގެ ހުވަފެން ހަގީގަތަކަށް ހެދޭނެކަމަށް އޭނާ ގަބޫލު ކުރެއެވެ.


މި ދާއިރާއިން އެންމެ ދެކެން ބޭނުންވާ ދުވަސް

ދެން އެމްވީ އާ ވާހަކަ ދައްކަމުން ދާއިން އިތުރަށް ބުނީ ދާއިން އެންމެ ދެކެން ބޭނުންވާ ދުވަހަކީ އަމިއްލަ ކްލޯތިންގް ބްރޭންޑެއް ތައާރަފް ކުރެވޭ ދުވަސް ކަމަށެވެ. އަދި މިއަދު އޭނާ ޑިޒައިން ކުރަމުން އެދާ ހެދުންތައް މީހުން ލައިގެން އުޅޭ މަންޒަރުވެސް ދެކެން ބޭނުންވާ ކަމުގައި ދާއިން ބުންޏެވެ.

މިހާތަނަށް އަދި އެހާ ގިނައިން އޯޑަރަށް ހެދުން ޑިޒައިން ކޮށްދީފައި ނުވި ނަމަވެސް ބައެއް ފަހަރަށް ޕާޓީތަކަށް އާއިލާ އަދި ރައްޓެހިންގެ ހެދުން ޑިޒައިން ކޮށްދީފައި ހުންނާނެ ކަމުގައި ދާއިން ބުންޏެވެ. އަދި މަދުން ނަމަވެސް ޑިޒައިންތައް ވިއްކާފައި ވެސް ހުންނާނެ ކަމުގައި ދާއިން ބުންޏެވެ.

އަހްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލުން އޭލެވެލް ފުރިހަމަ ކުރުމަށްފަހު އިތުރު އެއްޗެއް ކިޔަވަން އަދި ނުފަށާ ހުރި ދާއިންގެ ވިސްނުމަކީ މި އަންނަ މަހު މާރކެޓިންގް ކިޔަވަން ފެށުމެވެ.

ދާއިރާގެ ޕްރޮފެޝަނަލްސް ގެ ހިތްވަރު ލިބޭ

މި ދާއިރާއިން ކުރިއަށް ދިއުމަށް އެންމެ ބޮޑު ހިތްވަރެއް ލިބެނީ އާއިލާ އަދި ރައްޓެހިންގެ ފަރާތުން ކަމުގައި ދާއިން ބުނެއެވެ. އަދި ހަމަ އެހެންމެ މަޝްހޫރު ފެޝަން ޑިޒައިނަރުން އަދި އާރޓިސްޓުން ދާއިންގެ މަސައްކަތަށް ތައުރީފު ކުރުމަކީ އޭނާ ކުރިއަށް ދާން ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ކަމުގައި ދާއިން ބުންޏެވެ. އެގޮތުން ފެޝަން އާރޓިސްޓުން ކަމުގައި ވާ ޝަމްލާ އަދި މުނާލް އޭނާގެ މަސައްކަތް ތަކަށް ވަރަށް ހިތްވަރު ދޭ ކަމުގައި ދާއިން ފާހަގަ ކުރިއެވެ. އަދި ޖަސްޓިން އާއި ޝުހައިލްގެ ނަންވެސް އޭނާ ފާހަގަ ކުރިއެވެ.


ކުރަހާފައިވާ ހުރިހާ ކުރެހުމެެއް ވީދާލުމަށް ފަހު "ގިވް އަޕް" ކުރި ދުވަހެއް އައި

ދާއިން ވަނީ އިތުރު ވާހަކަ އެއް ވެސް ހިއްސާ ކޮށްފައެވެ. އެގޮތުން ދާއިން މި ދާއިރާއިން ކުރިއަށް ދިއުމުގައި ވެސް ގޮން ޖެހުންތަކަކާ ކުރިމަތިވި ކަމުގައި އޭނާ ކިޔާދިނެވެ. އެގޮތުން މުޖުތަމައުގެ ބައެއް މީހުން އޭނާ އާ މެދު ދެކޭ ގޮތުގެ ސަބަބުން އަދި ކިޔާ އެއްޗެހީގެ ސަބަބުން އޭނާ ކުރަހާފައިވާ ހުރިހާ ކުރެހުމެއް ވީދާލުމަށް ފަހު "ގިވް އަޕް" ކުރަން ނިންމި ކަމުގައި ދާއިން ބުންޏެވެ. އެހެން ނަމަވެސް ދާއިން ބުނީ ދާއިން މިއަދު ގިވްއަޕް ނުކޮށް ކުރިއަށް އެދާ ސަބަބަކީ އޭނާގެ އެކުވެރިން ކަމަށެވެ. މަދު ނަމަވެސް އޭނާއަށް ހެޔޮއެދޭ އެކުވެރިން އޭނާ ވެއްޓެމުން ދަނިކޮށް ނެގި ކަމަށް ދާއިން ބުންޏެވެ.

ދާއިން ބުނީ މީހުން ދެކޭގޮތަށް ވިސްނައިގެން ބައެއް ކަންތައްތަކުގައި ކުރިއަށް ދިއުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެހެން ކަމުން ވީހާވެސް ފައްސިކޮށް ވިސްނާ މީހުން ކައިރީގައި ގެންގުޅެން ޖެހޭ ކަމަށް އޭނާ ބުންޏެވެ.

ދާއިން ބުނީ މީގެ ދެތިން ދުވަހެއްގެ ކުރިން ދާއިން އަށް ރާއްޖޭގެ ފެޝަން ބްރޭންޑެއް ކަމަށް ވާ "ރޯގް ބައި ނަޖޫ" ގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. އަދި އެ ތަނުގައި މަސައްކަތް ކުރަން ފަށަން ގަސްތު ކުރާ ކަމުގައިވެސް ދާއިން މައުލޫމާތު ދިނެވެ. އަދި މިއީ ފެޝަން ޑިޒައިނިންގެ ދުނިޔެއަށް ލޯ ހުޅުވާލުމަށް ލިބިގެން ދިޔަ ފުރުސަތެއްގެ ގޮތުގައި ދާއިން ސިފަކުރެއެވެ.

ދާއިންގެ އުއްމީދަކީ މިދާއިރާއިން މުޖުތަމައު ގަބޫލު ކުރާ ފެންވަރުގެ ޑިޒައިނަރަކަށް އޭނާ ވުމެވެ. އަދި ކިތައްމެ ގިނަ ގޮންޖެހުންތަކަކާ ދިމާވި ކަމުގައިވިޔަސް ކޮންމެ ދުވަހެއްގެ ވެސް އިރު އަރަނީ އޭނާއަށް އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ހަނދާން ކޮށްދެމުން ކަމުގައި ދާއިން ބުންޏެވެ. ދާއިންގެ ނަމަކީ މިއަދު ފެޝަން ޑިޒައިނިންގެ ދުނިޔެއަށް އުއްމީދީ ނަމެކެވެ.

ދެން އެމްވީގެ ފަރާތުން ދާއިން އަށް ކާމިޔާބީ އަށް އެދެމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!