ޚަބަރު

ކައްޕި ގެއްލުނު ދޯނީގައި އިތުރު ދިވެއްސަކު ހުރި: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

ކ. ކަގި ފަރަށް މުދާ އުފުލާ ދޯންޏެއް އަރައި އެ ދޯނީގެ ކައްޕި މުހައްމަދު ޔޫސުފް ގެއްލުނު ހާދިސަގައި އިތުރު ދިވެއްސަކު ވެސް އެ ދޯނީގައި ހުރި ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by STELCO

މި މަހު ހަވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން އޭރު ފުލުހުން ބުނީ ދޯނީގައި ތިބީ ދިވެއްސަކާއި ދެ ބިދޭސީން ކަމަށެވެ. ފަރަށް އަރާފައިވާ ދޯނި ކައިރިން ދިޔަ އެހެން ބަޔަކު ނަގާފައިވާ ފޮޓޯތަކެއް އެ ދުވަސްވަރު އާންމުވި އިރު އެ ފޮޓޯތަކުގައި ކައްޕި އާއި ބިދޭސީ ދެ މީހުން ފެންނަން ވެސް ތިބެ އެވެ.

ނަމަވެސް ކައްޕި ގެއްލުނު ހާދިސާ ހިނގި އިރު އެ ދޯނީގައި އިތުރު ދިވެއްސަކު ހުރި ކަމަށް ފުލުހުން ވަނީ މިހާރު ބުނެފައެވެ. ނަމަވެސް އެ މީހާ އޭރު ކޮބައި ކަމެއް ނުވަތަ މިހާރު ހުރި ތަނެއްގެ މައުލޫމާތެއް ނުދެ އެވެ.

ކައްޕި ގެއްލުނު ސަަރަހައްދުގެ ފަރުގެ އަޑިން ވަޅިއަކާއި ލޭގެ އަސަރު ހުރި ތުވާއްޔެއްގެ އިތުރުން ފޯނެއް ވަނީ ހޯދައިފަ އެވެ. އެ މައްސަލާގައި ސުވާލު އުފެދޭ ގިނަ ކަންކަން ހުރި އިރު ކައްޕި ގެއްލުނު އިރު ބޯޓުގައި ތިބި ދެ ބިދޭސީން ހައްޔަރު ކުރި ކަމެއް ވެސް ނުވަތަ ނޫން ކަމެއް ވެސް ފުލުހުން ނުބުނެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!