ޚަބަރު

ފްލެޓްތަކުގެ ބަހުސަކަށް ޝުޖާއުގެ ދައުވަތު، މިނިސްޓަރު އަސްލަމަށް

ރައުފާ ރަޝީދު ، ދެން އޮންލައިން

އެއް ކޮޓަރީގެ އެޕާޓްމަންޓްތަކުގެ ފްލެޓްތަކާ ގުޅޭ ގޮތުން ބަހުސް ކުރެއްވުމަށް ޕަބްލިކް ފޯރަމަކަށް ވަޑައިގަތުމަށް ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމަށް އިދިކޮޅު ކޯލިޝަން ގައި ހިމެނޭ ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ދައުވަތު ދެއްވައިފިއެވެ.

Ads by STELCO

ޝުޖާއު މިހެން ވިދާޅުވެފައި ވަނީ، އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހި ހިއްކައި އެ ބިމުގައި އިމާރާތް ކޮށްފައިވާ "ހިޔާ މަޝްރޫއު" ގެ ފްލެޓްތަކުގެ ތެރެއިން އެއް ކޮޓަރީގެ އެޕާޓްމަންޓްތައް ހިމެނޭ ފްލެޓްތައް ދިނުމަށް ކަނޑައަޅާފައިވާ ކެޓަގަރީތައް ބާތިލް ކުރަން ސަރުކާރުން ނިންމާފައި ވަނިކޮށެވެ.

ޝުޖާޢު މިހެން ވިދާޅުވެފައި ވަނީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ޝުޖާޢު ވަނީ ޕަބްލިކް ފޯރަމަކަށް އަރައިވަޑައިގެން އެއް ކޮޓަރީގެ އެޕާޓްމަންޓްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަވަން މިނިސްޓަރު އަސްލަމަށް ކެރިވަޑައިގަންނަވާތޯ ސުވާލު ކުރައްވާފައެވެ.

އެ ދަޢުވަތުގެ ޖަވާބު ޓްވިޓަރ އިން ދިނުމަށްވެސް ޝުޖާޢު ވަނީ ވިދާޅުވެފައެވެ. އަދި އިދިކޮޅު ފަރާތްތައް ތިބީ ތައްޔާރަށް ކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޕްލޭނިން އެންޑް ހައުސިން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ 2018 ވަނަ އަހަރު "ހިޔާ" މަޝްރޫއަށް އިއުލާންކުރިއިރު އެ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން އެއް ކޮޓަރީގެ ކެޓަގަރީތަކަށް (H11 އިން H15 އަށް) ފްލެޓް ދޫކުރުމަށް ހަމަޖައްސާފައިވަނީ ހުޅުމާލޭ ފޭސް 2 ގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަތުމަށްފަހު ކަމަށެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިންގި ހިޔާ މަޝްރޫއަށް ކުރިމަތިލި ފަންސަވީސް ހާހަށްވުރެ ގިނަ މީހުންގެ ތެރެއިން ފްލެޓް ލިބޭ 6،720 މީހުންގެ ދާއިމީ ލިސްޓު ފްލެޓް ކޮމިޓީއިން ގެޒެޓްގައި އާންމު ކޮށްފައި ވަނީ މި މަހުގެ 9 ވަނަ ދުވަހުއެވެ.

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ އަދަދަކީ 7،000 ކަމުގައި ކުރީގެ ސަރުކާރުން ކަނޑައަޅާފައި އޮތް ނަމަވެސް ފްލެޓް ތަކުގެ ގްރައުންޑް ފްލޯ، ޓަވަރުތަކުގައި ދިރިއުޅޭ މީހުންގެ އަސާސީ ބޭނުންތަކުގެ ވިޔަފާރިއަށް މި ސަރުކާރުން ހާއްސަ ކުރުމުން އެ އަދަދު ވަނީ 6،720 އަށް ކުޑަވެފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!