ދުނިޔެ

ކޮވިޑް19 ވައިގެ ޒަރީއާއިން ފެތުރޭ: ދިރާސާ

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާ ވައިރަހަކީ ވައިގެ ޒަރީއާއިން ފެތުރޭ ނުވަތަ އެއާބޯން ވައިރަހެއް ކަމުގައި ގިނަ އަދަދެއްގެ ސައިންސްވެރިން ބުނެފިއެވެ.

Ads by Sosun Fihaara

ދުނިޔޭގެ 32 ގައުމަކުން 239 ސައިންސްވެރިން ވަނީ މިކަމަށް އެއްބަސްވެފައެވެ. އަދި މި ކަމަށް ބާރުދޭ ހެކި ހުރި ކަމަށް ވެސް ބުނެފައެވެ.

ނަމަވެސް ޑަބްލިޔުއެޗްއޯ އިން ވަނީ މީގެ ކުރިން ކޮރޯނާ ވައިރަސް ވައިގެ ތެރެއިން ނުފެތުރޭ ކަަމަށް ބުނެފައެވެ. ނަމަވެސް މީގެ ކުރިން ކުރި ދިރާސާތަކެއްގައި ވެސް ވަނީ ދުވެގެން ތިން ގަޑީއިރުވަންދެން ވައިގެ ތެރޭގައި އެއޮރޮސޯލްގެ ގޮތުގައި ކޮރޯނާވައިރަސް އެކްޓިވް ކޮށް ހުންނަ ކަމަށް ދައްކާފައެވެ. އަދި އެ މުއްދަތުގެ ތެރޭގައި ބަލި ފެތުރުމުގެ ނުރައްކާ އޮންނަ ކަމަށްވެސް އެ ދިރާސާތަކުގައި ފާހަގަކޮށްފައި ވެއެވެ.

ސައިންޓިފިކް ދުނިޔޭގައި ނަން ހިނގާ ނިއު އިންގްލެންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިއު ކޮށްފައިވާ ދިރާސާ އެއްގައި ބުނެފައިވާގޮތުން ވައިގެ ތެރޭގައި ޑްރޮޕްލެޓްގެ ގޮތުގައި ކޮރޯނާވައިރަސް ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރު މަރު ނުވެ ހުރެއެވެ.

ކަން މިހެން އޮތް އިރު، މި ސައިންސްވެރިން ގެ ޓީމުން ވަނީ އަލުން މިކަން ބަލައިދިނުމަށް ޑަބްލިޔުއެޗްއޯ ގައި އެދިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި މި ސައިންސްވެރިން މިހާރު އަންނަނީ މިކަމާއި ގުޅިގެން ސައިންސް ޖާނަލް އެއް ޝާއިއު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.

ވައިރަސް ވައިގެ ޒަރީއާއިން ފެތުރޭ ނަަމަ، އާންމު ތަންތަނަށް ނިކުމެ އުޅުމުގައި މާސްކު އެޅުން ކޮންމެހެން މަޖުބޫރުވާނެއެވެ. އަދި އިޖުތިމާއީ ގައިދުރުކަން ދެމެހެއްޓިކަމުގައި ވިޔަސް މާސްކު އަޅަން ޖެހޭނެ ކަމަށް މާހިރުން ބުނެއެވެ. މީގެ އިތުރުންވެސް ސުކޫލު ފަދަ އާންމުން އެއްވެ އުޅޭ ފަދަ ތަންތަނުގެ ވައި ބޭރުވާ ނިޒާމު ރަނގަޅު ފެންވަރަކަށް ހަދަން ޖެހޭނެ ކަން ވަނީ ފާހަގަކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!