މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އަންގަވައިފި

މިނިސްޓަރު އަލީ ވަހީދު އިސްތިއުފާ ދެއްވުމަށް ރައީސް އިބްރާހިމް މުހައްދު ސޯލިހު މިއަދު އަންގަވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހިމް ހޫދު މިރޭ ވިދާޅުވީ، އަލީ ވަހީދު މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވުމަށް ރައީސް ސޯލިހު އެންގެވީ، މަސައްކަތުގެ މާހައުލުގައި ހިނގައިގެން ނުވާނެފަދަ އަހުލާގީ މައްސަލަތަކެއް ޓުއަރިޒަމް މިނިސްޓްރީގައި ހިނގާފައި ވާކަމުގެ ޝަކުވާ އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް ރައީސް ސޯލިހު އަށާއި ޖެންޑާ މިނިސްޓްރީ އަށް ހުހަޅާފައި ވާތީ ކަމަށެވެ.
"މިކަމާ ގުޅިގެން މިނިސްޓާ އޮފް ޓުއަރިޒަމް އަލީ ވަހީދު މަގާމުން އިސްތިއުފާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މިރޭ އަންގަވާފައި،" ހޫދު ޓްވީޓް ކުރެއްވި އެވެ.
އެނގިފައިވާ ގޮތުގައި، ޓުއަރިޒަމް މިނިސްޓްރީގެ މުވައްޒަފުން ރައީސް އޮފީހަށް ޝަކުވާ ހުށަހެޅީ އެ މިނިސްޓްރީތެރޭގައި ޖިންސީ ފުރައްސާރައިގެ މައްސަލަތަކެއް ހިނގައިގެންނެވެ.