ޚަބަރު

ކުޑަ ކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހުރިހާ މައްސަލައެއް ބަލައި އިންސާފު ހޯދައިދޭނަން: މަޖިލިސް

ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ހުރިހާ މައްސަލަތަކެއް ދިރާސާކޮށް އެކަންކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބުނެފި އެވެ.

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަ އަންހެން ކުއްޖަކު ރޭޕްކުރި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާ އެކަމަށް ބޭނުންވާ ގާނޫނުތައް ހެދުމުގެ މަސައްކަތަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުން އެންމެ އިސްކަމެއްދީގެން ކުރިއަށް ގެންދާ މުހިއްމު ކަންކަމުގެ ތެރޭގައި ހިމެނޭކަމެއް ކަމަށެވެ.

އެގޮތުން 28 އަހަރަށްފަހު ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި ކުޑަކުދިންގެ އަދުލުގެ ގާނޫނު މަޖިލީހުން ފާސްކޮށް މިހާރު ވަނީ ތަސްދީގުކުރައްވާފައިކަން ފާހަގަކޮށް މަޖިލީހުން ބުނީ ކުޑަކުދިންނާގުޅޭ އެފަދަ ހުރިހާ މައްސަލަތައް ދިރާސާކޮށް، އެކަމުގައި ހިމެނޭ މީހުން އިންސާފުގެ ކުރިމަށްޗަށް ގެނައުމަށާއި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމަށް، ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ ކަމެއް ފަސްޖެހުމެއްނެތި ކުރާނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ދެ އަހަރު ނުވާ ކުއްޖަކަށް އެކުއްޖާގެ ބައްޕަ، ކާފަ އަދި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލަ ރައްޔަތުންގެ މަޖިލީހުގެ ސަމާލުކަމަށް އައުމާގުޅިގެން، ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ކުއްލި ބައްދަލުވުމެއް ރޭ ވަނީ ބާއްވާފައެވެ.

އެގޮތުން، ކޮމިޓީގެ މެންބަރުންގެ މެދުގައި މަޝްވަރާކުރެއްވުމަށްފަހު ނިންމާފައި ވަނީ، ކަމާގުޅޭ މައުލޫމާތު ސާފުކުރެއްވުމުގެ ގޮތުން ކްރިމިނަލް ކޯޓަށާއި، މިނިސްޓްރީ އޮފް ޖެންޑާ ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށާއި، މޯލްޑިވްސް ޕޮލިސް ސާވިސާ އަދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ސިޓީ ފޮނުއްވުމަށެވެ.

ރޭޕްކުރި މައްސަލާގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ އެ ރަށުން ވަނީ އިއްޔެ ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންގެ ބަންދަށް އެ އަތޮޅު ގެމަނަފުށީ ކޯޓުން 15 ދުވަސް ދީފައި ވާއިރު، މައްސަލަ ތަހުގީގުކުރުމަށް މާލެ ގެނެސް މިހާރު ވަނީ ދޫނިދޫގައި ހައްޔަރުކޮށްފަ އެވެ. މައްސަލައާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް އެ ކުއްޖާގެ ބައްޕަ ރޭ ހައްޔަރުކޮށްފައި ވަނީ ހުޅުމާލެއިންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!