ޚަބަރު

ހައްޖަށް ދެވޭނީ ކޮވިޑް-19 ވެކްސިން ޖަހާ ފަރާތްތަކަށް އެކަނި: ސައުދީ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

1442 ވަނަ އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރަން ދާ ފަރާތްތަކަކީ ކޮވިޑް-19 ވެކްސިން ޖަހާ ބަލިން ރައްކާތެރިވެގެން ތިބޭ ބަޔަކަށް ވާން ޖެހޭނެ ކަމުގައި ސައުދީ އަރަބިޔާއިން ބުނެފިއެވެ.

Ads by MWSC

ސައުދީ އަރަބިއްޔާގެ ހެލްތު މިނިސްޓަރ ތައުފީގު އަލް-ރާބިއާ އާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހައްޖަށް ދިއުމަށް އެގައުމަށް އެތެރެ ވެވޭނީ ކޮވިޑް-19 ވެކްސިން ޖަހައިގެންނެވެ.

އަދި ވެކްސިން ނުޖަހާ މީހުންނަށް މައްކާ އާއި މަދީނާއަށް އެތެރެ ނުވެވޭނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި މިިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ބައިވެރިކޮށްފައެއް ނުވެއެވެ. ބަލިމަޑުކަމުގައި ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއިން ފުރުސަތު ދީފައި ވަނީ 10000 މީހުންނަށް ވުރެ އިތުރު ނުވާ ގޮތަށެވެ. އޭގެ ތެރެއިން ތިން ބައިކުޅަ ދެބައި މީހުންނަކީ ސައުދީގައި ދިރިއުޅޭ އެހެން ގައުމުތަކުގެ ރައްޔިތުންނެެވެ.

ކޮވިޑްގެ ދުވަސްވަރު ހަރުކަށި ފިޔަވަޅުތަކާއެކު ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ދީ ކޮވިޑް-19ގެ އެއްވެސް ކޭސްއެއް ނުފެނި މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަން ކާމިޔާބު ކަމާއެކު ނިންމާލެވުމުން، ސައުދީން ހައްޖުގެ ކަންކަން ކުރިޔަށް ކުރިއަށް ގެންދިޔަ ފުރިހަމަކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިންވެސް ތައުރީފު ކޮށްފައި ވެއެވެ.

ސައުދީ އަރަބިއްޔާއަކީ މުޅި މެދުއިރުމަތީގައި ވެސް އެންމެ ބޮޑަށް ކޮވިޑް ފެތުރުނު އެއް ގައުމެވެ. ކޮވިޑްގެ ނުރައްކާތެރިކަން ބޮޑުވެ، ސައުދީން ވަނީ ޙައްޖާއި އުމްރާގެ އަޅުކަން މެދުކަނޑާލާ، މައްކާގެ މަސްޖިދުލް ޙަރަމާއި، މަދީނާގައި ހުންނަ މަސްޖިދުއް ނަބަވީ ވެސް ބަންދު ކޮށްފައެވެ. މާޗު މަހުގެ 20 ވަނަ ދުވަހު ބަންދު ކުރުމަށް ފަހު، އޭގެފަހުން 2 މަހާއި 11 ދުވަސްފަހުން ނަބަވީ މިސްކިތް ވަނީ އާއްމުކޮށް ހުޅުވާލާފައެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!